"ސްޓްރީޓް ޑާންސާ 3ޑީ" އާއި "ޕަންގާ" އަށް ލިބުނު އާމްދަނީ އިތުރުވެއްޖެ

މިމަހުގެ 24 ވަނަ ދުވަހަކީ ބޮލީވުޑްގައި، ބޮޑު ދެ ފިލްމް ރިލީޒްކުރި ދުވަހެކެވެ. އެއީ ވަރުން ދަވަން އާއި ޝްރައްދާ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ސްޓްރީޓް ޑާންސާ 3ޑީ" އާއި ކަންގަނާ ރަނައުތު ލީޑް ރޯލުން ފެނިގެންދާ ފިލްމް "ޕަންގާ" އެވެ.

މި ދެ ފިލްމަށްވެސް ބޮލީވުޑްގައި ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ފިލްމް ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް ބުނި ގޮތުގައި ފިލްމް "ސްޓްރީޓް ޑާންސާ 3ޑީ" ރިލީޒްކުރި ދުވަހު، އިންޑިއާގެ ސިނަމާތަކުން ޓިކެޓް ވިއްކައިގެން 10.26 ކްރޯޑް ރުޕީސް ލިބުނެވެ. އަދި ދެވަނަ ދުވަހު 13.21 ކްރޯޑް ރުޕީސް ލިބުނެވެ.

ފިލްމް ރިލީޒްކުރި ދުވަހާއި އަޅާބަލާއިރު ފިލްމް "ޕަންގާ" އަށް ދެވަނަ ދުވަހު ލިބުނު އާމްދަނީ ރަނގަޅު ކަމަށް ތަރަން އާދާޝް ފާހަގަކުރިއެވެ. ފިލްމް "ޕަންގާ" ރިލީޒްކުރި ދުވަހު، އިންޑިއާގެ ސިނަމާތަކުން ޓިކެޓް ވިއްކައިގެން އެ ފިލްމަށް ލިބުނީ 2.70 ކްރޯޑް ރުޕީސްއެވެ. އަދި ހޮނިހިރު ދުވަހު ލިބުނު އާމްދަނީ ވަނީ 5.61 ކްރޯޑް ރުޕީސްއަށް އަރާފައެވެ.