ފިލްމްގެ މަންޒަރެއް

ޑރ، ޑޫލިޓްލްގެ ގޮތުގައި ޑައުނީ ދައްކާލައިފި

އެކްޓަރު ރޮބާޓް ޑައުނީ ޖޫނިއާ މިފަހަރު ފެނިގެންދާނީ "އަޔަން މޭން" ގެ ގޮތުގައެއް ނޫނެވެ. "ހައި-ޓެކް" ސޫޓް މިވަގުތަށް ދޫކޮށްލުމަށްފަހު އެކްޓަރު ޑައުނީ ފެނިގެންދާނީ ފިލްމް "ޑޫލިޓްލް" ގައި "ޑރ. ޑޫލިޓްލް" ގެ ރޯލުންނެވެ.

ފެންޓަސީ ކޮމެޑީ މި ފިލްމްގައި އުޅެނީ ޖަނަވާރުތަކާ ވާހަކަ ދައްކާ ޑޮކްޓަރެކެވެ. ޔުނިވާސަލް ޕިކްޗާސް އިން ޑިސްޓްރިބިއުޓްކުރާ މި ފިލްމްގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފައެވެ.

މިއީ 2018 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި އިއުލާނު ކުރި ފިލްމެކެވެ. މި ފިލްމް މިއަހަރު ސިނަމާތަކަށް އަންނާނެ ކަމަށް ބެލެވުނު ނަމަވެސް، މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރާނީ އަންނަ ޖެނުއަރީ މަހުއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގައި އުޅޭ ޖަނަވާރުތަކަށް އަޑުއަޅައިދީފައިވާ ފަންނާނުންގެ ތެރޭގައި، ސްޕައިޑާމޭންގެ ރޯލު ކުޅެފައިވާ ޓޮމް ހޮލޭންޑް އާއި މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީނާ ގޯމޭޒް ހިމެނެއެވެ.