ވިން ޑީސެލްގެ އިންސްޓަގްރާމް ވީޑިއޯގެ ތެރެއިން

"ފާސްޓް އެންޑް ފިއުރިޔަސް 9" ގެ ޝޫޓިންގ ފެށިއްޖެ

"ފާސްޓް އެންޑް ފިއުރިޔަސް" ފްރެންޗައިސްގެ އެންމެ ފަހުގެ ފިލްމްގެ ޝޫޓިންގް ފެށުނުއިރު އަދިވެސް މި ފިލްމްއަށް ކިޔާނެ ނަމައެއް ކަނޑައެއްނޭޅެއެވެ. މިއީ މި ފްރެންޗައިސްގެ 10 ވަނަ ފިލްމެވެ. މި ފްރެންޗައިސްގެ ނުވަ ވަނަ ފިލްމް "ފާސްޓް އެންޑް ފިއުރިޔަސް ޕްރެސެންޓްސް: ހޮބްސް އެންޑް ޝޯ" ނެރެން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހުއެވެ.

މި ފިލްމް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައި ވަނީ ޖަސްޓިން ލިންއެވެ. ފިލްމްގެ ދެ ބަތަލުން ކަމަށްވާ ވިން ޑީސެލް އާއި މިޝެލް ރޮޑްރިގޭޒް މި ފިލްމްގެ މަސައްކަތް ކުރަން ފެށި ފުރަތަމަ ދުވަހުގެ ކުރު ވީޑިއޯއެއްވަނީ ވިން ގެ އިންސްޓަގްރާމް ގައި ހިއްސާކޮށްފައެވެ. މި ވީޑިއޯ އިން ވިން ޑީސެލްގެ ކެރެކްޓާކަމަށްވާ ޓޮރެޓޯގެ ހެދުން ވިން އަޅައިގެން ހުރިތަން ފެނެއެވެ. އަދި ފްރެންޗައިސްގެ ފޭނުންނަށް މި ވީޑިއޯގައި ދެ ބަތަލުންވެސް ވަނީ ޝުކުރުއަދާކޮށްފައެވެ.

މި ފްރެންޗައިސްގެ އެހެން ފިލްމް ތަކުން ފެނިގެންދިޔަ ޑްވޭން ޖޯންސަން މި ފިލްމަކުން ނުފެންނާނެއެވެ. ފިލްމްގައި ވިލަންގެ ރޯލް އަދާ ކުރާނީ ޖޯން ސީނާއެވެ. އަދި މީގެ އިތުރުން ނަތާލީ އެމަނުއެލްވެސް "ފާސްޓް އެންޑް ފިއުރިޔަސް 9 " އިން ފެނިގެންދާނެއެވެ. މިޝެލް ރޮޑްރިގޭޒްއަކީ މި ފްރެންޗައިސްގެ އެންމެ ފުރަތަމަ ފިލްމުން ފެށިގެން 2 ފިލްމަކުން ފިޔަވާ އެހެން ހުރިހާ ފިލްމަކުން ފެންނަމުންދާ ތަރިއެކެވެ. "ފާސްޓް އެންޑް ފިއުރިޔަސް 9" ރިލީސް ކުރަން ހަމަޖެހިފައިވަނީ 2020 ވަނަ އަހަރުގެ ކޮންމެސް ހިސާބެއްގައެވެ.