"އެވެންޖާރސް: އެންޑް ގޭމް"، ބޮކްސް އޮފީހުގައި އެންމެ ބޮޑު ފައިދާއެއް ހޯދާ ފިލްމްގެ މަގާމާއި ގާތަށް

"އެވެންޖާސް: އެންޑް ގޭމް" އަކީ ދިވެހިންގެ ތެރޭގައިވެސް ވަރަށް މަޝްހޫރުވި ފިލްމެކެވެ. މި ފިލްމުގެ މިހާރުގެ އާމްދަނީ އަކީ 2.75 ބިލިއަން ޑޮލަރެވެ. މިހާރު ދުނިޔޭގެ ބޮކްސް އޮފީހުގެ އެންމެ ބޮޑު ފައިދާއެއް ހޯދި ފިލްމް ގެ މަގާމު އޮތީ 2009 ވަނަ އަހަރު ނުކުތް ސައި-ފައި ފިލްމް "އަވަޓާރ" އެވެ. މި ފިލްމުގެ އާމްދަނީ އަކީ 2.78 ބިލިއަން ޑޮލަރެވެ.

އެމެރިކާގެ ސިނަމާތަކުގައި، "އެވެންޖާސް: އެންޑް ގޭމް" ގެ ޑިލީޓް ކުރެވިފައިވާ ސީން ތަކާއި، ކުޑަ ޓްރިބިއުޓެއްގެ އިތުރުން "ސަޕްރައިޒް" އަކާއެކު އަލުން ރިލީޒް ކުރަން ހަމަޖެހިފައިވާކަން މާވެލް ސްޓޫޑިއޯސްގެ ޗީފް ކެވިން ފެއިޖް ވަނީ ހާމަކުރައްވާފައެވެ. މާވެލް ސްޓޫޑިއޯސްގެ މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ބޮކްސް އޮފީހުގެ އެއްވަނަ ލިބިދާނެ ކަމަށް ގިނަބަޔަކު ގަބޫލުކުރެއެވެ.

މުޅިއެކު 21 ފިލްމަކުން ދައްކުވައިދިން ކަންކަމަށް ނިމުން ގެނެސްދިން "އެވެންޖާސް: އެންޑް ގޭމް" ގެ ފެށުމަކީ 2008 ވަނަ އަހަރުގެ "އަޔަން މޭން" އެވެ. "އަޔަން މޭން" ގެ ތަރި ރޮބާޓް ޑައުނީ ޖޫނީޔާ ކުރި ޓްވީޓެއްގައި ވަނީ ބޮކްސް އޮފީހުގެ އެއްވަނަ ހޯދުމަށް މި ފިލްމްތަކުގެ ފޭނުންނަށް ހިތްވަރުދީފައެވެ.

"ތާރީހު ލިޔަން ބޭނުން ހެއްޔެވެ؟ އަދި "ގޭމް" ނިމެން އޮތީ." ޑައުނީގެ ޓްވީޓްގައި ބުނެފައިވެއެވެ.

އެކި ބައިތަކަށް ބަހާލައިގެން ގެނެސްދޭ ވާހަކަތަކުގެ 3 ވަނަ ބައިގެ ނިމުން އަދި 22 ވަނަ ފިލްމް "ސްޕައިޑަރ މޭން: ފަރ ފްރޮމް ހޯމް" ނުކުންނަން ހަމަޖެހިފައިވަނީ ޖުލައި މަހުގައެވެ.