ބްރެޑް ޕިޓާއި ޖެނިފާ އެނިސްޓޮން އަލުން އެކުވެރިންނަށް
ހޮލީވުޑްގެ އެކްޓަރު ބްރެޑް ޕިޓް އާއި އޭނާގެ ކުރީގެ އަނބިމީހާ އަދި އެކްޓްރެސް ޖެނިފާ އެނިސްޓޮން، އެކުވެރިކަމުގެ ގުޅުން ބަދަހިކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ބްރެޑް ޕިޓް އާއި ޖެނިފާ އެނިސްޓޮން ކައިވެނި ކުރީ 2000 ވަނަ އަހަރުއެވެ. އެ ކައިވެނި ރޫޅުނީ 2005 ވަނަ އަހަރު، ބްރެޑް ޕިޓް، އެކްޓްރެސް އެންޖެލީނާ ޖޯލީ އާއި ލޯބީގެ ގޮތުން ގުޅުމުންނެވެ.
މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ބްރެޑް އާއި ޖެނިފާ އަލުން ބައްދަލުވެފައި މިވަނީ ލޮސް އެންޖެލްސްގައި ހުންނަ ޖެނިފާގެ ގޭގައި އޮތް ޕާޓީއަކުންނެވެ. އަދި އެ ދެ މީހުންވެސް ބޭނުންވަނީ އެކުވެރިކަން އަލުން ބަދަހިކުރަން ކަމަށް ރިޕޯޓްތައް ބުނެއެވެ.
ބްރެޑް އާއި ޖެނިފާވެސް މި ވަގުތު ތިބީ ހުއްސަރިބަޔަށެވެ. އެކްޓަރު ޖަސްޓިން ތެރޮކްސް އާއި ޖެނިފާ 2015 ވަނަ އަހަރު ކުރި ކައިވެނި 2017 ވަނަ އަހަރު ރޫޅިފައިވާއިރު، ބްރެޑް ޕިޓާއި އެންޖެލީނާ ޖޯލީގެ ކައިވެނިވެސް ވަނީ ރޫޅިފައެވެ.