އަމީތާބް ބައްޗަން

އަމީތާބްގެ ހާލު ރަނގަޅު

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އަމީތާބް ބައްޗަންގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

އަމީތާބް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އޭނާ ހާމަކުރީ ހޮނިހިރު ދުވަހުގެ ރޭއެވެ. އަމީތާބަށް ފަރުވާ ދެމުން އަންނަ ނަނަވާތީ ހޮސްޕިޓަލުން ހާމަކުރި ގޮތުގައި އަމީތާބްގެ ހާލު މިހާރު ސްޓޭބަލްއެވެ. އަދި ކޮވިޑް-19 ގެ އަލާމާތްތައް ހުރީ ވަރަށް ކުޑަކޮށް ކަމަށްވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ބޮލީވުޑްގެ ތަރި އަމީތާބް އާއި އޭނާގެ ދަރިފުޅު އަބިޝެކް ބައްޗަންވެސް ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފައެވެ. ސޯޝަލް މީޑީއާ އެކައުންޓްތައް މެދުވެރިކޮށް އަމީތާބް ރޭ ބުނީ އޭނާގެ އާއިލާގެ މެންބަރުންނާއި މުވައްޒަފުންވެސް ކޮވިޑް-19 އަށް ޓެސްޓްކުރަމުންދާ ކަމަށާއި ނަތީޖާއަށް އިންތިޒާރު ކުރާ ކަމަށެވެ.

މިހާތަނަށް 12.8 މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. ބަލިން 7.4 މިލިއަން މީހުން ރަނގަޅުވެފައިވާއިރު 567،000 އަށްވުރެ ގިނަ މީހުން ވަނީ މި ބަލީގައި ނިޔާވެފައެވެ. އިންޑިއާއަކީ ކޮވިޑް-19 އެންމެ ހަލުވިކަމާއެކު ފެތުރެމުންދާ އެއްގައުމެވެ. އިންޑިއާއިން 850،000 އަށްވުރެ ގިނަ މީހުންނަށް މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ ކަމަށް ރެކޯޑް ކުރެވިފައިވެއެވެ.