ފިލްމް ހަލްކްގެ މަންޒަރެއް

"ހަލްކް" ގެ ކެރެކްޓާ އަލުން ކުޅުމުގެ ވިސްނުން ނެތް: އެރިކް

"ހަލްކް" ގެ ކެރެކްޓާ އަލުން ކުޅުމުގެ ވިސްނުން ނެތް ކަމަށް އެކްޓަރު އެރިކް ބާނާ ބުނެފިއެވެ.

އެންގް ލީ ޑައިރެކްޓްކޮށް، 2003 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ހަލްކް" ގައި، އެކްޓަރު އެރިކް ވަނީ "ހަލްކް" ގެ ރޯލުން ފެނިގެން ގޮސްފައެވެ. އެރިކް ބުނި ގޮތުގައި އެއީ އެއްފަހަރުގެ ކަމެކެވެ.

މިހާރު އުމުރުން 52 އަހަރުވެފައިވާ އެރިކް އަކީ "ހަލްކް" ގެ ގޮތުގައި ބޮޑު ސްކްރީނުން ފެނިގެންދިޔަ ފުރަތަމަ އެކްޓަރެވެ. ނަމަވެސް 1970 އާއި 1980 ގެ އަހަރުތަކުގައި "ހަލްކް" ގެ ޓީވީ ސީރީޒެއް ގެނެސްދީފައިވެއެވެ.

އޮސްޓްރޭލިއާއަށް އުފަން އެކްޓަރު އެރިކް ބުނި ގޮތުގައި މިހާރު ސުޕަހީރޯ ފިލްމްތައް ހަދާ ގޮތާއި ކުރިއާ ތަފާތުތަކެއް އެބަހުއްޓެވެ. މާވެލް އިން 2008 ވަނަ އަހަރު ފިލްމް "ދަ އިންކްރެޑިބަލް ހަލްކް" ހެދިއިރު، އެރިކްއަށް ގުޅައި، އެނބުރި އަންނަން ބޭނުންވޭތޯ އަހާފައިނުވާ ކަމަށް އެރިކް ބުނެފައިވެއެވެ.

މާވެލްގެ 2008 ވަނަ އަހަރުގެ ފިލްމްގައި "ހަލްކް" ގެ ރޯލު ކުޅުނީ އެޑްވަޑް ނޯޓަންއެވެ.

ދަ އެވެންޖާސް (2012) އާއި އަޔަން މޭން 3 (2013) އާއި ދަ އެވެންޖާސް: އޭޖް އޮފް އަލްޓްރޮން (2015) އާއި ތޯ: ރެގްނަރޮކް (2017) އާއި އެވެންޖާސް: އިންފިނިޓީ ވޯ (2018) އާއި ކެޕްޓަން މާވެލް (2019) އަދި އެވެންޖާސް: އެންޑްގޭމް (2019) ގައި ހަލްކްގެ ރޯލު ކުޅުނީ މާކް ރުފަލޯއެވެ.