ކުރިއަށް އޮތީ ސިނަމާތަކަށް ބާރުބޮޑު ހަފުތާ ބަންދެއް!

ބޮލީވުޑްގައި ކުރިއަށް އޮތް ހަފުތާ ބަންދަކީ ސިނަމާތަކަށް ބާރު ބޮޑުވެގެންދާނެ ހަފުތާ ބަންދެއް ކަމަށް ބެލެވެއެވެ. ސަބަބަކީ އަންނަ ހުކުރު ދުވަހަކީ ބޮލީވުޑްގެ ތިން ފިލްމެއް ރިލީޒްކުރާ ދުވަހަށްވުމެވެ.

ފިލްމް: ހައުސްފުލް 4

ހެއްވާ މަޖާ ފިލްމް ފްރެންޗައިޒް "ހައުސްފުލް" ގެ ފިލްމްތަކަށް އިންތިޒާރުކުރާ ފަރާތްތަކުން މިހާރު އިންތިޒާރު ކުރަމުންދަނީ އެ ފްރެންޗައިޒްގެ ހަތަރު ވަނަ ފިލްމް "ހައުސްފުލް 4" އަކަށެވެ.

އަކްޝޭ ކުމާރް، ކްރިތީ ސޮނަން، ރިތޭޝް ދޭޝްމުކް، ބޮބީ ޑިއޯލް ލީޑްރޯލު ކުޅެފައިވާ މި ފިލްމްގައި ދައްކުވައިދޭނީ މީގެ 600 އަހަރު ކުރިން، މީލާދީން 1419 ވަނަ އަހަރު ހިނގާ ކަންތައްތަކެކެވެ.

މި ފްރެންޗައިޒްގެ ކުރީގެ ފިލްމްތައް ގެނެސްދީފައިވާ ގޮތާއި މި ފިލްމާއި ބޮޑު ތަފާތެއް އެބަހުއްޓެވެ. ނަމަވެސް މި ފިލްމަކީވެސް މަޖާ އަދި ބޮލީވުޑްގައި ކާމިޔާބު ހޯދާނެ ފިލްމެއްކަމަށް ކްރިޓީކުން ލަފާކުރެއެވެ. މި ފިލްމްގެ އިތުރު ތަރިންގެ ތެރޭގައި ކްރިތީ ކަރްބަންދާ އަދި ޕޫޖާ ހޭގް ހިމެނެއެވެ.

ކްރިޓީކުން ލަފާކުރާ ގޮތުން، މިހާރު ބޮލީވުޑް ބޮކްސް އޮފީހުގައި "ރަސްކަން" ކުރަމުން އަންނަ ފިލްމް "ވާރ" އަށް ގުޑުން އަރުވާލެވޭވަރުގެ ފިލްމަކަށް "ހައުސްފުލް 4" ވާނެއެވެ.

ފިލްމް: ސާންޑް ކީ އާންކް

ތާޕްސީ ޕައްނޫ އާއި ބޫމީ ޕެޑްނޭކަރު ލީޑްރޯލު ކުޅެފައިވާ މި ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މިއީ އިންޑިއާގެ އަންހެން ދެ ޝޫޓަރުން ކަމަށްވާ ޕްރަކާސީ އާއި ޗަންދުރޯ ތޯމަރުގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

ޕްރަކާޝީ އާއި ޗަންދުރޯ އަކީ އުމުރުން 60 ގެ އަހަރުތައް ގުނަމުންދާ ދެ މީހުންނެވެ. އެހެންކަމުން މި ފިލްމްގައި ތާޕްސީ އާއި ބޫމީ ފެނިގެންދާނީ އެ އުމުރުގެ މީހުންގެ ގޮތުގައެވެ. ތުޝާރު ހިރަނަންދާނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި ވިނީތު ކުމާރް އާއި ޕްރަކާޝް ޖާގެ އިތުރުން ނިހާތު ހާން ހިމެނެވެ.

ފިލްމް: މޭޑް އިން ޗައިނާ

"ޗައިނާ" މި ނަން ލައިގެން ބޮލީވުޑްގައި އެންމެފަހުން އުފެއްދި އެއް ފިލްމް ކަމުގައިވާ "ޗާންދަނީ ޗޯކް ޓު ޗައިނާ" އަކީ ފްލޮޕެކެވެ. މިފަހަރު މި އޮތީ "މޭޑް އިން ޗައިނާ" އެވެ.

މި ފިލްމަކީ ދަތި އުނދަގޫތަކާއެކުވެސް ކުރިއަށްދާން މަސައްކަތްކުރާ ގުޖުރާތުގެ ވިޔަފާރިވެރިއެއްގެ ވާހަކަ ގެނެސްދޭ ފިލްމެކެވެ. ވިޔަފާރިވެރިޔާގެ ރޯލުން ފެނިގެންދާނީ ރާޖްކުމާރް ރާއޯއެވެ. ފިލްމްގެ އިތުރު ކާސްޓުންގެ ތެރޭގައި މޯނީ ރޯއީ އާއި ބޮމަން އިރާނީ އަދި ޕަރޭޝް ރަވަލް ހިމެނެއެވެ.