ފިލްމްގެ ލީޑް ދެ ކާސްޓުން

"ޑްރައިވް" ސިނަމާގައި ނާޅުވަން ނިންމީތަ؟

ކަރަން ޖޯހަރުގެ ދަރުމާ ޕްރޮޑަކްޝަން އާއި ފޮކްސް ސްޓާ ސްޓޫޑިއޯސް އިން އުފައްދާ ފިލްމު "ޑްރައިވް" ސިނަމާތަކުގައި ނޭޅުވުމަށް ނިންމައިފި ކަމުގެ އަޑު ފެތުރިއްޖެއެވެ. މި ފިލްމަކީ 2011 ވަނަ އަހަރު، ހަމަ އެނަމުގައި ރިލީޒްކުރި ހޮލީވުޑް ފިލްމެއްގެ ރިމޭކެކެވެ. ރިމޭކް ފިލްމްގެ ލީޑް ތަރިންނަކީ ސުޝާންތު ސިންގްހް ރާޖްޕޫތާ އާއި ޖެކްލިން ފެނަންޑޭޒެވެ.

ބޮލީވުޑްގެ މި ރިމޭކް ފިލްމް ރިލީޒްކުރާ ތާރީހު އެކި ފަހަރު މަތިން ވަނީ ބަދަލުކޮށްފައެވެ. ނަމަވެސް އަދިވެސް ފިލްމް ބޮޑު ސްކްްރީނާ ހަމައަށް ގެނެވޭވަރު ވަނި ނުވެފައެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގެ ރިޕޯޓްކޮށްފައިވާ ގޮތުން މި ފިލްމް ދެން ފެނިގެންދާނީ ނެޓްފްލިކްސް އިންނެވެ. ނެޓްފްލިކްސްގައި މި ފިލްމް ގެނެސްދިނުމަކީ ޕްރޮޑިއުސަރުން ކުރިން އުންމީދުކޮށްގެން ތިބި ކަމެއް ނޫނެވެ.

ފިލްމް ރިލީޒްކުރުން ލަސްވި މަައިގަނޑު އެއް ސަބަބަކީ، ޝޫޓްކުރި ފިލްމާއި މެދު ކަރަން ޖޯހަރު ހިތްހަމަ ނުޖެހުމެވެ. ފިލްމްގެ ޑައިރެކްޓަރު ތަރުން މަންސުކާނީއަށް އަންގައިގެން ކަރަން ވަނީ ފިލްމްގެ ރިޝޫޓް ދެ ފަހަރަށްކޮށްފައެވެ. އެވަރުންވެސް ފިލްމާއިމެދު ކަރަން ހިތްހަމަޖެހޭ ވަރެއް ނުވިއެވެ.