ހިޓްލަރުގެ ރޯލުން ފެނިގެން ދިޔަ ބްރޫނޯ މަރުވެއްޖެ

ދެހާސް ހަތަރު ވަނަ އަހަރު ނެރުނު ފިލުމު، "ޑައުންފޯލް" ގައި އެޑޮލްފް ހިޓްލަރުގެ ރޯލުން ފެނިގެން ދިޔަ އެކްޓަރު ބްރޫނޯ ގެންޒް މަރުވެއްޖެއެވެ.

ސްވިސް އެކްޓަރު، ބްރޫނޯ މަރުވެފައިވަނީ ޒިއުރިކްގައި ހުންނަ އޭނާގެ ގޭގައި ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މަރުވިއިރު އުމުރަކީ 77 އަހަރެވެ. ބްރޫނޯ އެކްޓްކުރި ފިލުމުތަކުގެ ތެރޭގައި "ދަ ބޯއީސް ފްރޮމް ބްރެޒިލް"، " ދަ އެމެރިކަން ފްރެންޑް"، "އަންނޯން" ފަދަ ފިލުމުތައް ހިމެނެއެވެ.

ބެލުންތެރިންގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވަނީ ބްރޫނޯ، އެޑޮލްފް ހިޓްލަރު ގެ ރޯލުން ފެނިގެންދިޔަ ފިލުމު "ޑައުންފޯލް" އަށެވެ. އެފިލުމުގައި ހިޓްލަރު، އޭނާގެ ފަހު ދުވަސްތައް ބާލިންގެ ބަންކަރެއްގައި ހޭދަކުރި ގޮތް ދައްކުވައިދީފައިވެއެވެ.

ބްރޫނޯއަށް ވަނީ ޖަރުމަންގެ ގޯލްޑަން ކެމެރާއިން ދޭ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 2014 ވަނަ އަހަރު ލިބިފައެވެ. އަދި ޔޫރަޕިއަން ފިލްމް އެކަޑަމީގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް 2010 ވަނަ އަހަރު ހާސިލުކޮށްފައެވެ.