"ސައްތޭ ޕޭ ސައްތާ" ގެ ރިމޭކްގައި ބައިވެރިވާން ބޭނުން: ކްރިތީ

މީގެ 37 އަހަރު ކުރިން، 1982 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ފިލްމްގައި ބައިވެރިވާން ބޭނުންވާ ކަމަށް ބަތަލާ ކްރިތީ ސޮނަން ބުނެފިއެވެ.

ރިމޭކް ފިލްމްގައި ބައިވެރިވާން ބޭނުންވާ ކަމަށް ކްރިތީ ބުނެފައިވާއިރު، އޯލަ ވާހަކަ ފެތުރިފައިވާ ގޮތުން ރިމޭކް ފިލްމްގައި ކްރިތީ ފެނިގެންދާނެއެވެ. ރިމޭކް ފިލްމްގައި ކްރިތީ ފެނިގެންދާނީ، 1982 ވަނަ އަހަރު ރިލީޒްކުރި ފިލްމްގައި ބަތަލާ ރަންޖީތާ ކުޅުނު ރޯލުންނެވެ. ނަމަވެސް މިކަން ފިލްމް އުފައްދާ ފަރާތުން އަދި ކަށަވަރުކޮށްދީފައި ނުވެއެވެ.

މީގެ 37 އަހަރު ކުރިން، ރިލީޒްކުރި "ސައްތޭ ޕޭ ސައްތާ" ގެ ލީޑް ރޯލު ކުޅެފައިވަނީ އަމީތާބް ބައްޗަން އާއި ހެމާ މާލިނީއެވެ. ފިލްމްގައި އަމީތާބު ކުޅެފައިވަނީ ރަވީ އާނަންދް ނަމަކަށް ކިޔާ މީހެއްގެ ރޯލެވެ. ފިލްމްގައި އަމީތާބާއި ހެމާ ފެނިގެން ގޮސްފައިވަނީ ދެމަފިރިންގެ ގޮތުގައެވެ.

އަމީތާބު ކުޅުނު ރޯލު، ރިމޭކް ފިލްމްގައި ކުޅޭނީ ރިތިކް ރޯޝަން ކަމަށް ވަނީ އަޑުފެތުރިފައެވެ. ހެމާ ކުޅުނު ރޯލު، ރިމޭކްގައި ކުޅޭނީ ދިޕިކާ ކަމަށް އެއްފަހަރު އަޑު ފެތުރުނުއިރު، އަނުޝްކާ ޝަރްމާވެސް އެ ރޯލުން ފެނިގެންދާނެ ކަމަށް އަޑު ފެތުރުނެވެ.

މި އަހަރަކީ ކްރިތީއަށް ބިޒީ އަހަރެކެވެ. މިއަހަރު ކްރިތީ ފެނިގެންދިޔަ ފިލްމްތަކުގެ ތެރޭގައި "ލުކާ ޗުޕީ"، "ހައުސްފުލް 4" އާއި "ޕަތީ ޕަތުނީ އޯރް ވޯ" ހިމެނެއެވެ.