ލިލޯ އެންޑް ސްޓިޗް

"ލިލޯ އެންޑް ސްޓިޗް" އަންނާނީ ޑިޒްނީ+ އަށް

ޑިޒްނީ އިން 2002 ވަނަ އަހަރު ގެނެސްދިން "ލިލޯ އެންޑް ސްޓިޗް" ގެ ލައިވް-އެކްޝަން ރިމޭކެއް މަސައްކަތް ކުރަމުންދާކަން ޑިޒްނީ އިން ހާމަކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ލައިވް-އެކްޝަން އުފައްދަން އުޅޭކަން އިއުލާނުކުރި ނަމަވެސް، އެ ފިލްމާއި ގުޅޭ ގޮތުން މާބޮޑު ތަފުސީލެއް މިހާތަނަށް އޮތީ ނީވިއެވެ.

ޑިޒްނީ އިން އެންމެ ފަހުން ހާމަކުރި ގޮތުގައި "ލިލޯ އެންޑް ސްޓިޗް" އަންނާނީ ޑިޒްނީގެ ޕްލެޓްފޯމް، ޑިޒްނީ+ އަށެވެ. އަދި ފިލްމްގެ ޝޫޓިން މިއަހަރުގެ ފަހުކޮޅު ފަށާނެކަން ވަނީ ހާމަކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން، ރިމޭކް ފިލްމްގައި ސްޓިޗްގެ ކެރެކްޓާއަށް އަޑު އަޅައިދޭނީ ކާޓޫންގައިވެސް އެ ކެރެކްޓާއަށް އަޑު އަޅައިދިން ކްރިސް ސޭންޑާސްއެވެ.

ޑިޒްނީ އިން މިހާރު ދަނީ، ކުރިން ގެނެސްދީފައިވާ ކާޓޫންތަކުގެ ރިމޭކް އުފައްދާ ގެނެސްދެމުންނެވެ. އެގޮތުން "ސިންދްރެއްލާ" އާއި "ބިއުޓީ އެންޑް ދަ ބީސްޓް" އާއި "ޑަމްބޯ" އާއި "އަލާއްދީން" އަދި "ދަ ލަޔަން ކިންގް" ވަނީ ގެނެސްދީފައެވެ.

ކުރިއަށް ހުރި ރިމޭކް ފިލްމްތަކުގެ ތެރޭގައި "މުލާން" އާއި " ދަ ލިޓްލް މާމެއިޑް" އާއި "ސްނޯ ވައިޓް އެންޑް ދި ސެވަން ޑްވާންސް" އާއި "ޕިނޯކިޔޯ" ހިމެނެއެވެ.