ވެކްސިން ދިނުމުގެ ހަރަކާތެއް ސޯނޫ ފަށަނީ
އިންޑިއާގެ ރޫރަލް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ކޮވިޑް-19 ވެކްސިން ދިނުމުގެ ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތަކީ އިންޑިއާގެ އެކްޓަރު އަދި ޕްރޮޑިއުސަރު ސޯނޫ ސޫދު ހިންގާ ހަރަކާތެކެވެ.
ސޯނޫ ހާމަކުރި ގޮތުގައި، ރޫރަލް ސަރަހައްދުތަކުގައި ވެކްސިން ދިނުމަށް ދިމާވެފައިވާ ދަތިތަކަށް ބަލައި ބޭނުންވާ އެހީތެރިކަން މި ޕްރޮގްރާމުން ފޯރުކޮށްދެވޭނެއެވެ.
މި ޕްރޮގްރާމުގައި ވެކްސިން ދިނުމުގައި ހަރަކާތްތެރިވާނީ އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން ނަގާ ވޮލަންޓިއަރުން ކަމަށް ސޯނޫ ވަނީ ބުނެފައެވެ. އެ ސަރަހައްދުގައި ދިރިއުޅޭ ވޮލަންޓިއަރުން ނަގަނީ ޕްރޮގްރާމަށް އިތުބާރު ހޯދުމުގެ ގޮތުން ކަމަށްވެސް ސޯނޫ ވަނީ ބުނެފައެވެ
ސްމާޓްފޯނެއް އޮވެ، 4ޖީ އިންޓަނެޓްގެ ހިދުމަތް ލިބޭ މީހުންގެ ތެރެއިން ވޮލަންޓިއަރުންނަށްވުމަށް އެދޭ މީހުންނަށް އެކަމަށް އެދި ކުރިމަތިލެވޭނެއެވެ. ވޮލަންޓިއަރުންނަށްވާން އެދޭ މީހުންނަށް ބޭނުންވާ ފުރިހަމަ ތަމްރީން ދެވޭނެކަމަށްވެސް ސޯނޫ ބުނެފައިވެއެވެ.