"ދަ ސްކައި އިޒް ޕިންކް" ގެ ފެށުން ރަނގަޅެއް ނޫން
ޕްރިޔަންކާ ޗޯޕްރާ އާއި ފަރްހާން އަހްތަރު ލީޑްރޯލު ކުޅެފައިވާ ފިލްމް "ދަ ސްކައި އިޒް ޕިންކް" އަށް ފުރަތަމަ ދުވަހު 2.51 ކްރޯޑް ރުޕީސް ލިބިއްޖެއެވެ. މިއީ ހުކުރު ދުވަހު ރިލީޒްކުރި ފިލްމަށް އިންޑިއާގެ ސިނަމާތަކުން ލިބުނު އާމްދަނީއެވެ.
ދެހާސް ފަނަރަ ވަނަ އަހަރު މަރުވި، އިންޑިއާގެ މޯޓިވޭޝަނަލް ސްޕީކާ އަދި ލިޔުންތެރިޔާ އައިޝާ ޗައުދަރީގެ ހަޔާތަށް ބިނާކޮށް އުފައްދާ މި ފިލްމްގައި އައިޝާ ޗައުދަރީގެ ރޯލު ކުޅެފައިވަނީ ޒައިރާ ވަސީމެވެ. ޕްރިޔަންކާ އާއި ފަރުހާން ފެނިގެންދާނީ އޭނާގެ މައިންބަފައިންގެ ރޯލުންނެވެ.
ބޮލީވުޑް ބޮކްސް އޮފީހުގައި މިވަގުތު އެންމެ ވަރުގަދަކޮށް އޮތީ ޓައިގާ ޝްރޮފް އާއި ރިތިކް ރޯޝަން ފެނިގެންދާ ފިލްމް "ވާރ" އެވެ.
އިންޑިއާގެ ފިލްމް ކްރިޓީކްސް ގިރިޝް ގޯހަރް ބުނި ގޮތުގައި "ވާރ" ގެ އަސަރެއް "ދަ ސްކައި އިޒް ޕިންކް" އަކަށް ނުކުރާނެއެވެ. ސަބަބަކީ މި ދެ ފިލްމަކީވެސް ތަފާތު ދެ ކޮންސެޕްޓެއްގެ ދެ ފިލްމަށްވުމެއެވެ. ނަމަވެސް ހޮލީވުޑްގެ ފިލްމް "ޖޯކާ" ގެ އަސަރު "ދަ ސްކައި އިޒް ޕިންކް" އަށް ކުރާނެ ކަމަށް ބެލެވޭ ކަމާށް ގިރިޝް ގޯހަރް ބުންޏެެވެ.