މިއީ ޑިސްނީއަށް ވަރަށް ކާމިޔާބު އަހަރެއް: 5 ފިލްމެއް ބިލިއަން ޑޮލަރަށް ވުރެން މަތީގައި

ފިލްމީ ތާރީޙުގައިވެސް އެންމެ ފުރަތަމަ ފަހަރަށް ފިލްމު ސްޓޫޑިއޯއަކުން 5 ފިލްމު ބިލިއަން ޑޮލަރަށް ވުރެން ގިނަ ފައިދާއެއް ހޯދާފައިވާ ސްޓޫޑިއޯއަކީ ވާލްޓް ޑިސްނީ ސްޓޫޑިއޯސްއެވެ. މި ފަސް ފިލްމުގެ ތެރޭގައި ދުނިޔޭގެ ބޮކްސްއޮފީހުގެ އެންމެ މަތީގައި މިހާރު ރަސްކަން ކުރަމުންދާ "އެވެންޖާސް: އެންޑްގޭމް" ހިމެނެއެވެ.

އެންމެފަހުން ބިލިއަން ޑޮލަރުގެ ފާހަގައާއި ހަމައަށް އާދެވުނު ފިލްމަކީ ޖޫން މަހު ނުކުތް "ޓޯއީ ސްޓޯރީ 4" އެވެ. "އެވެންޖާސް: އެންޑްގޭމް" (2.795 ބިލިއަން ޑޮލަރު) އާއި "ޓޯއީ ސްޓޯރީ 4" ގެ އިތުރުން މި ލިސްޓްގައި އުޅެނީ "އަލަޑިން" ގެ ލައިވް-އެކްޝަން ރީމޭކް (1.03 ބިލިއަން ޑޮލަރު) އާއި، ފެބްރުއަރީ މަހު ނުކުތް "ކެޕްޓަން މާވެލް" (1.1 ބިލިއަން ޑޮލަރު) އާއި، "ދަ ލަޔަން ކިންގް" ގެ ލައިވް އެކްޝަން ރީމޭކް (1.3 ބިލިއަން ޑޮލަރު)އެވެ.

މީގެ އިތުރުން އަދި ބިލިއަން ޑޮލަރުގެ ފާހަގައާއި ހަމައަށް ވާސިލްވެވޭނެ ކަމަށް އުންމީދު ކުރާ ދެ ފިލްމެއް މިއަހަރު ތެރޭގައި ޑިސްނީއިން ނެރޭނެއެވެ. އެއީ ކުޑަކުދިންގެ މަގުބޫލުކަން ހޯދާފައިވާ "ފްރޯޒެން" ގެ ދެވަނަ ބަޔާއި "ސްޓާރ ވަރސް: ދަ ރައިސް އޮފް ސްކައިވޯކާ" އެވެ.

ޑިސްނީގެ މި ފަސް ފިލްމުގެ އިތުރުން 2019 ވަނަ އަހަރު ނުކުތް ފިލްމުތަކުގެ ތެރޭގައި އެއްބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވަނީ އެންމެ ފިލްމެކެވެ. އެއީ ސޮނީ ސްޓޫޑިއޯސްގެ "ސްޕައިޑަރމޭން: ފަރ ފްރޮމް ހޯމް"އެވެ. މިއީވެސް ޑިސްނީގެ މާވެލް ސިނަމެޓިކް ޔުނިވާސްގެ ބްރޭންޑާއި ގުޅުން ހުރި ފިލްމެއްކަން ފާހަގަ ކޮއްލުން މުހިއްމެވެ. އަދި މިއީ ސޮނީ ސްޓޫޑިއޯސްގެ އެންމެ ކާމިޔާބު ފިލްމުވެސްމެއެވެ.