މާވެލް ސްޓޫޑިއޯސްގެ 4 ވަނަ މަރުހަލާ އިއުލާނު ކޮށްފި!

މިހާރު ސެން ޑިއޭގޯގައި ކުރިއަށްދާ ކޮމިކް-ކޮން ގައި މާވެލްގެ 4 ވަނަ މަރުހަލާގައި ހިމެނޭ މުހިންމު ފިލްމުތަކާއި ޓީވީ ޝޯތައް އިއުލާނުކޮށްފިއެވެ. މި ފިލްމުތަކުގެ ނަމާއި އެކު ފިލްމުތަކުން ފެނިގެންދާނެ ތަރިންނާއި، ޑައިރެކްޓަރުންނާއި، ގިނަ ފިލްމުތައް ރިލީޒް ކުރާނެ ތާރީހުތައްވެސް ވަނީ އާންމު ކޮށްފައެވެ.

ސެން ޑިއޭގޯގައި ކުރިއަށްދާ ކޮމިކް-ކޮން ގެ ހޯލް އެޗް ގައި މާވެލް ސްޓޫޑިއޯސަގެ ރައީސް ކެވިން ފެއިޖް ވަނީ 90 މިނެޓް ވަންދެން މާވެލް ސިނަމެޓިކް ޔުނިވާސް އާއި ޑިޒްނީ ޕްލަސް އަށް ފޭސް 4 ގެ ދަށުން އަންނަ ޝޯތަކާއި ފިލްމުތަކުގެ މައުލޫމާތު ދީފައެވެ. މީގެ ތެރޭގައި ފުރަތަމަ ފަހަރަށް މާވެލް ސިނަމެޓިކް ޔުނިވާސްގެ އެނިމޭޓެޑް ސީރީސްއެއް ފެށުމަށް ހަމަޖެހިފައިވެއެވެ.

އިއުލާނު ކުރެވިފައިވާ ފިލްމުތައް:

"ބްލެކް ވިޑޯ": މިއީ ސްކާލެޓް ޖޮހެންސަން ކުޅޭ ނަތާޝާ ރޮމަނޮފްގެ ވާހަކައެވެ. މިއީ މި ފިލްމަށްޓަކައި ވަރަށް ގިނަ ބަޔަކު ވަރަށް ގިނަ އަހަރުތަކެއް ވަންދެން އިންތިޒާރު ކުރި ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކުރަން ހަމަ ޖެހިފާވަނީ ކޭޓް ޝޯޓްލޭންޑެވެ. މި ފިލްމު ރިލީސް ކުރަން ހަމަ ޖެހިފައިވަނީ 2020 ވަނަ އަހަރުގެ މޭ މަހު ތެރޭގައެވެ.

"އެޓާނަލްސް": އެންޖަލީނާ ޖޯލީ މާވެލް ސިނަމެޓިކް ޔުނިވާރސްއަށް ގެނެސްދޭނެ މި ފިލްމަކީ ކުމައިލް ނަންޖިނީ، ރިކާޑް މެޑެން، ލައުރެން ރިޑޮލްފް، ސަލްމާ ހަޔެކް، ފަދަ ތަރިން ފެނިގެންދާނެ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓް ކުރަނަ ހަމަ ޖެހިފައިވަނީ ކްލޯއީ ޒާހޯ އެވެ. ފިލްމު ސިނަމާތަކަށް އަންނާނީ 2020 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 6 ވަނަ ދުވަހުއެވެ.

"ޝަންގް-ޗި އެންޑް ދަ ލެޖެންޑް އޮފް ދަ ޓެން ރިންގްސް": މިއީ ޑެސްޓިން ޑެނިއެލް ކްރެޓޮން ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމުން އާކްވަފީނާ، ސިމު ލީ، ޓޯނީ ލެއަންގް ފެނިގެންދާނެއެވެ. މި ފިލްމު 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހު ސިނަމާތަކަށް ނުކުންނާނެއެވެ.

"ޑޮކްޓަރ ސްޓްރޭންޖް އެންޑް ދަ މަލްޓިވާސް އޮފް މޭޑްނެސް": މިއީ ޑޮކްޓަރ ސްޓްރޭންޖްގެ 2 ވަނަ ފިލްމެވެ. ނަމަވެސް "އިންފިނިޓީ ވަރ" އަދި "އެންޑް ގޭމް" އިންވެސް މި ކެރެކްޓަރ ވަނީ ފެނިފައެވެ. މި ކެރެކްޓާ ކުޅޭ ބެނެޑިކްޓް ކަމްބަރބެޗް ގެ އިތުރުން އެލިޒަބަތް އޮލްސެންގެ ސްކާލެޓް ވިޗް ކެރެކްޓާރ ވެސް މި ފިލްމުން ފެނިގެންދާނެއެވެ. "ޑޮކްޓަރ ސްޓްރޭންޖް" ޑައިރެކްޓި ކުރި ސްކޮޓް ޑެރިކްސަން ވަނީ މި ފިލްމުވެސް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައެވެ. ފިލްމު ނެރުމަށް ހަމަ ޖެހިފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. މި ފިލްމު ސިފަ ކުރެވިފައިވަނީ މާވެލް ސިނަމެޓިކް ޔުނިވާސްގެ ފުރަތަމަ ބިރުވެރި ފިލްމުގެ ގޮތުގައެވެ.

"ތޯ: ލަވް އޭންޑް ތަންޑަރ": މިއީ ތޯ ފްރެންޗައިސްގެ 4 ވަނަ ފިލްމެވެ. "ތޯ: ރަގްނަރޮކް" ގެ ޑައިރެކްޓަރ ޓައިކާ ވައިޓިޓީ ވަނީ މި ފިލްމުވެސް ޑައިރެކްޓް ކުރުމަށް ހަމަޖެހިފައެވެ. އެހެން ފިލްމުތަކާއި ހިލާފަށް މި ފިލްމުގައި ފެނިގެންދާނީ އަންހެން ތޯއެކެވެ. މި ތޯ ކުޅުމަށް ހަމަޖެހިފައިވަނީ ނަޓާލީ ޕޯރޓްމެންއެވެ. އެހެން ފިލްމުތަކުގައި ތޯގެ ކެރެކްޓަރ ކުޅޭ ކްރިސް ހެމްސްވޯތް އާއި ޓެސާ ތޮމްޕްސަން މި ފިލްމުންވެސް ފެނިގެންދާނެއެވެ. މި ފިލްމު ރިލީސް ކުރުމަށް ހަމަޖެހިފާވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

6: "ބްލޭޑް": މި ފިލްމުގެ ޑައިރެކްޓަރެއްވެސް އަދި ރިލީޒްކުރާ ތާރީހެއްވެސް އިއުލާނެއް ނުކުރެއެވެ. ނަމަވެސް މި ފިލްމުން މަހާރޝަލާ އަލީ ފެނިގެންދާނެ ކަމަށް ވަނީ ކެވިން ފެއިޖް ބުނެފައެވެ.

 

ޑިޒްނީ ޕްލަސް އަށް އަންނަ މާވެލް ސިނަމެޓިކް ޔުނިވާރސްގެ ޝޯތައް:

"ފެލްކޮން އެންޑް ދަ ވިންޓަރ ސޯލްޖަރ": މިއީ 2020 ވަނަ އަހަރުގެ ތެރޭގައި ނެރުމަށް ހަމަ ޖެހިފައިވާ ޝޯއެކެވެ. މާވެލްގެ ފިލްމުތަކުގައިވެސް ފެލްކަން ކުޅޭ އެންތޮނީ މެކީ އާއި ވިންޓަރ ސޯލްޖަރ ކުޅޭ ސްބޭސްޓަން ސްޓޭން މި ޝޯއިން ފެނިގެންދާނެއެވެ.

"ވަންޑާވިޝަން": 2021 ވަނަ އަހަރުގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ މި ޝޯގައި އެލިޒަބަތް އޮލްސެންއާއި ޕައުލް ބެޓަނީ ފެނިގެންދާނެއެވެ.

"ލޮކީ": ތޯގެ ފިލްމުތަކުން ފެނިގެންދާ ލޯކީ ކެރެކްޓާރގެ މައްޗަށް ބިނާކޮށް ގެނެސްދޭ މި ޝޯ އަކީވެސް 2021 ވަނަ އަހަރުގެ ތެރޭގައި ފެށޭ ޝޯއެކެވެ. ލޮކީ ގެ ކެރެކްޓާއިން ކުޅޭނީ ތޯގައިވެސް މި ކެރެކްޓަރ ކުޅޭ ޓޮމް ހިޑިލްސްޓަންއެވެ.

"ވަޓް އިފް؟": މިއީ މާވެލް ސިނަމެޓިކް ޔުނިވާރސްގެ ފުރަތަމަ އެނިމޭޓެޑް ސީރީސްއެވެ. މި ސީރީސް ފެށުމަށް ހަމަ ޖެހިފައިވަނީ 2021 ވަނަ އަހަރުގެ މެދު ތެރެއިންނެވެ.

"ހޯކްއައި": މިއީ ޖެރެމީ ރެނާގެ ކެރެކްޓަރ ފެނިގެންދާނެ ޝޯ އެކެވެ. މި ސީރީސް ފެށުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގައެވެ.

މުޅިއެކު 11 ފިލްމަކާއި ޝޯއެއް ސެން ޑިއޯގެ ކޮމިކް-ކޮންގައި އިއުލާނު ކޮއްފައިވާއިރު ގިނަ ސީރީސްތަކާއި ފިލްމުތައް ނެރުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގައެވެ.