"އެވަޓަރ" ވައްޓާލުމަށްފަހު "އެވެންޖާސް: އެންޑްގޭމް" އެއްވަނައިގައި. ދެ ފިލްމު އަޅާ ކިޔާލަމާ؟

ސެން ޑިއޭގޯގައި ބޭއްވި ކޮމިކް-ކޮންގައި މާވެލް ސްޓޫޑިއޯސްގެ ރައީސް ކެވިން ފެއިޖް ވާހަކަ ދައްކަމުން "އެވެންޖާސް: އެންޑްގޭމް" ދުނިޔޭގެ ބޮކްސް އޮފީހުގެ އެއްވަނަ ހޯދާފައިވާކަން އިއުލާނުކޮށް އެންމެނަށް މަރުހަބާ ކިޔާފައެވެ. ނަމަވެސް މި ކާމިޔާބީއަކީ 10 އަހަރު ވަންދެން ބޮކްސް އޮފީހުގައި ރަސްކަން ކުރަމުން ދިޔަ "އެވަޓަރ" ހޯދި ކާމިޔާބީއާ އަޅާބަލާއިރު ކައިރި މާބޮޑު ކާމިޔާބީއެއް ނޫނެވެ.

ޗާޓުތަކުން ފެންނަ ގޮތުގައި "އެވެންޖާސް: އެންޑްގޭމް" މިހާރު އޮތީ 2790.2 ބިލިއަން ޑޮލަރާއެކު އެއްވަނާގައެވެ. "އެވަޓަރ" ގެ ފައިދާ އަކީ 2789.7 ބިލިއަން ޑޮލަރެވެ.

އެންޑްގޭމް އަކީ ވަރަށް ބޮޑު ހަރަދެއްކޮށްގެން އުފެއްދި ފިލްމެކެވެ. ފިލްމް ސިނަމާތަކާ ހަމައަށް ގެނައީވެސް އެތައް މިލިއަން ޑޮލަރެއްގެ އިސްތިހާރުކޮށްގެންނެވެ.

އަތާއި ފައިގެ އިނގިލިތަކުން ގުނާ ނުލެވޭވަރަށް ނަން މަޝްހޫރު ފަންނާނުން ފެނިގެންދިޔަ މި ފިލްމަކީ ކުރީގެ ކޮމިކް ބުކްތަކުގައި މަޝްހޫރުވި ކެރެކްޓާތަކަށް ބިނާކޮށް ގެނެސްދީފައިވާ ފިލްމްކެވެ. މިއީ އެއްވެސް ހާލެއްގައި "އޮރިޖިނަލް ސްޓޯރީ" އެއް ނޫނެވެ.

 

ނަމަވެސް ޖޭމްސް ކެމަރަންގެ "އެވަޓަރ" އަކީ ކުރިން އެއްވެސް މީހަކަށް އެނގިފައި ނުވާ މުޅިން އާ ހިޔާލީ ދުނިޔެއެއްގައި އުޅޭ، ހަދާފައިވާ ބަހުރުވައަކުން ވާހަކަ ދައްކާ އުޅޭ ނޫ ކުލައިގެ އޭލިއަން ތަކެއްގެ ވާހަކައެކެވެ. މިއީ މީގެ ކޮންމެ ދިމާލަކުން ބެލިޔަން 100 އިންސައްތަ "އޮރިޖިނަލް" ވާހަކަ އެކެވެ. ނަން "އެވަޓަރ" އެހެން ފިލްމެއްގެ ކެރެކްޓާ އަކުން އަޑު އިވިފައި އޮތަސް ފިލްމުގައި ގެނެސް ދީފައިވަނީ އެއްވެސް މީހަކު ކުރިން ދެކެފައި ނުވާ ވާހަކައެކެވެ.

އެންޑްގޭމްގައި ރޮބާރޓް ޑައުނީ ޖޫނިޔާ، ކްރިސް އެވަންސް، ކްރިސް ހެމްސްވޯތް ފަދަ ނަން މަޝްހޫރު ތަރިން ފެނުނު ކަމުގައި ވިޔަސް "އެވަޓަރ" ގައި އޭރުގެ މަޝްހޫރު ތަރިން ނޫޅެއެވެ. މި ދެ ފިލްމުންވެސް ފެނިގެން ދިޔަ އެއް ތަރިއެއް ވެއެވެ. އެއީ "އެވެންޖާސް: އިންފިނިޓީ ވަރ" އިން އަލްވަދާއު ކިޔަން ޖެހުނު ނަމަވެސް "އެވެންޖާސް: އެންޑްގޭމް" އަށް އަނބުރާއައި ގަމޯރާގެ ކެރެކްޓާ ކުޅުނު ޒޯއީ ސަލްޑާނާއެވެ. އަވަޓަރގައި ނޭޓިރި ގެ ކެރެކްޓާ ކުޅުނީވެސް ޒޯއީ އެވެ.

"އެވަޓަރ" ގެކުރިން ބޮކްސް އޮފީގެ އެއްވަނާގައި އޮތީވެސް ޖޭމްސް ކެމަރަންގެ ފިލްމެކެވެ. އެއީ 1997 ވަނަ އަހަރު ނުކުތް "ޓައިޓޭނިކް" އެވެ. މި ފިލްމު އެއްވަނައިން ވައްޓާލުމަށް "އެވަޓަރ" ނެގީ އެންމެ 41 އެއްދުވަހެވެ. ނަމަވެސް އެންމެ 1 މިލިއަން ޑޮލަރުގެ ތަފާތުން އެންޑްގޭމް އަށް އެއްވަނައާއި ހަމައަށް އާދެވެނީ 85 ދުވަހުންނެވެ. އެއީވެސް އިތުރު ސީން ތަކާއި އެކު 2 ވަނަ ފަހަރު ރިލީޒް ކޮއްގެންނެވެ. ނަމަވެސް އެންމެ އަވަހަށް ބިލިއަން ޑޮލަރުގެ ފައިދާއެއް ހޯދާފައިވަނީ އެންޑްގޭމްއެވެ. އެއީ 5 ދުވަހުގެ ތެރޭގައެވެ.

މިހާރު "އެވަޓަރ" ގެ ދެވަނަ ބައިގެ މަސައްކަތް ކުރިއަށް އެބަދެއެވެ. މި ފިލްމު ޑައިރެކްޓްކޮށް، ޕްރޮޑިއުސްކުރަނީވެސް ޖޭމް ކެމަރަން އެވެ. ކެމަރަން ވަނީ އެންޑްގޭމް ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.