"އެވެންޖާރސް: އެންޑް ގޭމް" ރީ-ރިލީސް ގައި އިތުރުވީ ކޮންބައެއް؟
އުތުރު އެމެރިކާގެ ބައެއް ސިނަމާތަކުގައި "އެވެންޖާރސް: އެންޑް ގޭމް" އަލުން އެޅުވިއިރު ދުނިޔޭގެ އެހެން ކަންކޮޅުތަކުގައި، ފިލްމަށް އިތުރުވިބަޔާއި އެކު އަޅުވާނެކަމެއް އަދިވެސް ނޭނގެއެވެ. މާވެލް ސްޓޫޑިއޯސް އަލުން މި ފިލްމް ރިލީސް ކުރުމުގެ އެއް ބޭނުމަކީ ދުނިޔޭގެ ބޮކްސް އޮފީހުގެ އެންމެ ބޮޑު ފައިދާއެއް ހޯދާ ފިލްމުގެ މަގާމު ހޯދުމެވެ. ނަމަވެސް މިއީ ހަމައެކަނި މަޤްޞަދެއްނޫނެވެ.
ޖުލައި މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ރިލީސް ކުރަން ހަމަޖެހިފައިވާ މާވެލް ސްޓޫޑިއޯސްގެ "ސްޕައިޑަރ މޭން: ފާރ ފްރޮމް ހޯމް" ޕްރޮމޯޓް ކުރުމަކީ އަނެއް "އެވެންޖާރސް: އެންޑް ގޭމް" ރީ-ރިލީސް ކުރުމުގެ އަނެއްބޭނުމެވެ.
ސްޕޮއިލާ އެލާޓް
"އެވެންޖާރސް: އެންޑް ގޭމް" މިހާރު ބަލާފައި ތިބި މީހުންވެސް އަނެއްކާ ފިލްމު ބެލުން ޝައުގުވެރިކުރުވަން މާވެލް ސްޓޫޑިއޯސްވަނީ މި ފިލްމަށް ކުރިން ފިލްމުން ނުފެންނަ ސީންއެއް އިތުރުކޮށް، މާވެލް ކޮމިކްސްގެ ބައްޕަ ސްޓޭން ލީ އަށް ޓްރިބިއުޓެއް ގެނެސްދީފައެވެ. އަދި މީގެ އިތުރުން "ސްޕައިޑަރ މޭން: ފާރ ފްރޮމް ހޯމް"ގެ ސީންއެއްވެސް ވަނީ ހިމަނާފައެވެ.
ރީ-ރިލީސް ނުފެނިގެން ހާސް ނުވާށެވެ. މާގިނަ ބައިތަކެއް އިތުރެއްނުވެއެވެ. ޕީޓާރ ޕާކާރ އާއި ނެޑް ދިމާވާ ސީން ކަހަލަ ސީންތައް ކުޑަކޮށް އިތުރުވެފައި ހުރިއިރު ފިލްމަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ.
ޑައިރެކްޓަރ އެންތަނީ ރުސޯ ގެ ކުޑަ ވާހަކަ ކޮޅަކަށްފަހު ދެން ފެނިގެންދަނީ ސްޓޭން ލީގެ ޓްރިބިއުޓެވެ. މިއީވެސް ފޭނުންނަށް ނުފެންނަ ވީޑިއޯކަށް ނުވާނެއެވެ. މިއީ މާވެލްގެ ފިލްމުތަކުގެ ކެމެރާގެ ފަހަތުގައި ފިލުމުގެ ޑައިރެކްޓަރުންނާއި ފިލްމު ކުޅުންތެރިންނާއި އެކު ސްޓޭން ލީ ވާހަކަ ދައްކާ މަޖާކުރާ މަންޒަރުތައް ދައްކުވައިދޭ އެކި ވީޑިއޯތައް އެއްކޮފައި ހަދާފައިވާ ވީޑިއޯކޮޅެއެކެވެ. މި ޓްރިބިއުޓް ނިމިގެންދަނީ "އެވެންޖާރސް: އެންޑް ގޭމް" ގައި ޓޯނީ ސްޓާރކް އޭނާގެ ދަރިފުޅުދެކެ ލޯބިވާ މިންވަރު ބުނަން ބޭނުން ކުރާ ބަސް ކޮޅު ސްކްރީންއިން ދައްކާލުމަށްފަހުއެވެ.
"ސްޓޭން، ވީ ލަވް ޔޫ 3000"
މީގެ އިތުރުން "އެވެންޖާރސް: އެންޑް ގޭމް" އިން މުޅިން އަލަށް ފެނިގެންދިޔަ ހަލްކް ކެރެކްޓާރ ގެ ސީންއެއް ވަނީ އިތުރުކޮށްފައެވެ. މި ސީންގައި ހަލްކް ފެނިގެންދަނީ އިމާރާތެއްގައި ތާށިވެފައި ތިބި މީހުން ތަކަކަށް އެހީތެރިވަނިކޮންނެވެ. މި ސީން ނިމިފައިވަނީ ހަލްކް ފޯނަކަށް ޖަވާބުދޭ ހިސާބުންނެވެ.