ސޯނަމް ކަޕޫރު

ސޯނަމް މިހާރު ބޭނުންވަނީ ބިރުވެރި ފިލްމެއް ކުޅެލަން

ސޯނަމް ކަޕޫރު ބޮޑު ސްކްރީނުން ފެނިގެންދިޔައީ ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް 2007 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސާވަރިޔާ" އިންނެވެ. މިހާތަނަށް ސޯނަމް ކުޅެފައިވާ ގިނަ ފިލްމްތަކުން އޭނާ ފެނިގެން ގޮސްފައިވަނީ މަޑުމައިތިރި ރޯލްތަކުން ނަމަވެސް އުމުރުން 34 އަހަރުގެ އެކްޓްރެސް މިހާރު ބޭނުންވަނީ ބިރުވެރި ފިލްމެއް ކުޅުމަށެވެ.

"އަހަރެން މިހާތަނަކަށް އެކްޝަން އަދި ބިރުވެރި ފިލްމެއް ނުކުޅެން. އެހެންވީމާ މިއީ ކުޅެލަން ބޭނުންވާ ދެ ޖޯންރާ." އިންޑިއާގެ ނޫހަކަށް ސޯނަމް ބުންޏެވެ. ސޯނަމް ބުނި ގޮތުގައި އެކްޝަން އަދި ބިރުވެރި ފިލްމެއްގައި މަސައްކަތްކޮށްލުމަކީ ތަފާތު ތަޖުރިބާއަކަށް ވެގެންދާނެއެވެ.

ބޮޑު ސްކްރީނަށް އެކްޓްރެސް އެއްގެ ގޮތުގައި ތައާރަފުވުމުގެ ކުރިން، 2005 ވަނަ އަހަރު ސޯނަމް ވަނީ "ބްލެކް" ނަމަކަށް ކިޔާ ފިލްމެއްގެ އެސިސްޓެންޑް ޑިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ.

ސޯނަމް ކުޅެފައިވާ ފިލްމްތަކުގެ ތެރޭގައި "އައި ހޭޓް ލަވް ސްޓޯރީސް" އާއި "ޕްލެޔާސް" އާއި "ނީރްޖާ" އަދި "ވީރޭ ދި ވެޑިން" ހިމެނެއެވެ.