ސްނައިޑާގެ "ޖަސްޓިސް ލީގް" އަންނަ އަހަރު

ޑީސީ ސުޕަހީރޯ ފިލްމް "ޖަސްޓިސް ލީގް" ގެ ފޭނުންގެ އިންތިޒާރު މި ވަނީ ނިމުމަކަށް އައިސްފައެވެ. ޑައިރެކްޓަރު ޒެކް ސްނައިޑާ ވާޝަންގެ "ޖަސްޓިސް ލީގް" އަންނަ އަހަރު ބެލުންތެރިންނާ ހަމައަށް އަންނާނެކަން މިވަނީ އިއުލާނުކޮށްފައެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮންލައިން ޕްލެޓްފޯމް އެޗްބީއޯ މެކްސް މެދުވެރިކޮށެވެ.

އެޗްބީއޯ މެކްސް އާއި ވާނާ ބްރަދާސްއަށް ޝުކުރު އަދާކުރަމުން ޑައިރެކްޓަރު ޒެކް ސްނައިޑާ ބުނީ "ސްނައިޑާކަޓް" މޫވްމަންޓް ހަގީގަތަކަށް ހެދުމުގައި ބައިވެރިވާ އެންމެންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

މީގެ ކުރިން، 2017 ވަނަ އަހަރު "ޖަސްޓިސް ލީގް" ފިލްމް ޑައިރެކްޓްކުރުމުގައި ޒެކް ބައިވެރިވިއެވެ. ނަމަވެސް އޭނާގެ ދަރިއެއް އަމިއްލައަށް މަރުވުމާއި ގުޅިގެން އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ޒެކް ވަނީ އެ ފިލްމްގެ މަސައްކަތުން ދުރަށް ޖެހިލާފައެވެ. އެ ފިލްމް ފަހުން ނިންމީ އެހެން ޑައިރެކްޓަރެއް ހަމަޖައްސައިގެންނެވެ.

ޖަސްޓިސް ލީގްގެ އާ ފިލްމް ރިލީޒްކުރަން އުޅޭކަން ސޯޝަލް މީޑިއާގައި ހާމަކުރި އެކްޓަރުންގެ ތެރޭގައި ހެންރީ ކެވިލް، ޖޭސަން މޮމޯއާ އަދި ރޭ ފިޝާ ހިމެނެއެވެ.