"ސްޕައިޑަ-މޭން 3" އަށް ޓޮމް ތައްޔާރުވަނީ
މި ވަގުތު، އެކްޓަރު ޓޮމް ހޮލޭންޑް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން ދަނީ ނޮން-މާވެލް ސިނެމެޓިކް ޔުނިވާސަލް ފިލްމެއްގެ މަސައްކަތުގައެވެ. ނަމަވެސް ޓޮމް ހޮލޭންޑްގެ ފޭނުން އިންތިޒާރު ކުރަމުން ދަނީ، ސްޕައިޑަ-މޭން ގެ ގޮތުގައި ފިލްމް "ސްޕައިޑަ-މޭން 3" ގެ ރޯލުން އޭނާ ފެނިގެންދާނެ އިރަކަށެވެ.
ޓޮމް މިވަގުތު މަސައްކަތް ކުރަމުން އަންނަނީ އެމެރިކަން ކްރައިމް ޑްރާމާ ފިލްމް "ޗެރީ" ގައެވެ. ފިލްމަށް ޓޮމް ވަނީ އޭނާގެ ބޯވެސް ބާލާފައެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން، ޓޮމް މިހާރު ދަނީ "ސްޕައިޑަ-މޭން 3" އަށް ތައްޔާރުވުމުގެ ގޮތުން ބޮލު އިސްތަށިގަނޑު ދިގުކުރަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގެ މަސައްކަތް މި އަހަރުގެ މެދު ތެރޭގައި ފަށާނެއެވެ.
"ސްޕައިޑަ-މޭން: ހޯމް ކަމިންގް" ގެ މަސައްކަތް ފެށީ 2016 ވަނަ އަހަރުގެ ޖޫން މަހުއެވެ. އަދި ރިލީޒްކުރީ 2017 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. "ސްޕައިޑަ-މޭން: ފާ ފްރޮމް ހޯމް" ގެ މަސައްކަތް ފެށީ 2018 ވަނަ އަހަރުއެވެ. ރިލީޒްކުރީ މިދިޔަ އަހަރުގެ ޖުލައި މަހުއެވެ.
ކަން މިހެން އޮތް ނަމަވެސް "ސްޕައިޑަ-މޭން 3" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާނެއް ނުކުރެއެވެ.