ފިލްމް ގުޑް ނިއުޒްގެ މަންޒަރެއް

ޔޫއޭއީގައި "ގުޑް ނިއުޒް" އާއި "ޑްރީމް ގާލް" ރި-ރިލީޒްކުރަނީ

ކޮވިޑް-19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސިނަމާތައް ބަންދުކޮށްފައި އޮތުމަށްފަހު މިހާރު ވަނީ ހުޅުވާލާފައެވެ. ޔޫއޭއީގެ ސިނަމާތަކުގައި، ހޮލީވުޑް އަދި ބޮލީވުޑްގެ މަގުބޫލު ފިލްމްތައް ދަނީ ރި-ރިލީޒް ކުރަމުންނެވެ.

ޔޫއޭއީގެ ސިނަމާތައް އަލުން ހުޅުވާލުމަށްފަހު، ބޮލީވުޑްގެ ފިލްމް "ބާގީ 3" ރި-ރިލީޒްކޮށްފައިވާއިރު އެ ފިލްމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ބޮލީވުޑްގެ ފިލްމް "ގުޑް ނިއުޒް" އާއި "ޑްރީމް ގާލް" ޔޫއޭއީގައި ރި-ރިލީޒްކުރާނެއެވެ.

އަކްޝޭ ކުމާރް އާއި ކަރީނާ ކަޕޫރް ލީޑްރޯލު ކުޅެފައިވާ ފިލްމް "ގުޑް ނިއުޒް" އަށް އިންޑިއާގެ ސިނަމާތަކުން 100 ކްރޯޑް ރުޕީސް ލިބިފައިވެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ޔޫއޭއީގައި ރި-ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

އަޔުޝްމަން ކުރާނާ ލީޑްރޯލު ކުޅެ މިދިޔަ އަހަރު ރިލީޒްކުރި ފިލްމް "ޑްރީމް ގާލް" އަކީވެސް ޔޫއޭއީގައި ރި-ރިލީޒްކުރުމަށް ހަމަޖެހިފައިވާ ފިލްމެކެވެ.

ޔޫއޭއީގެ ސިނަމާތައް ހުޅުވާލާފައިވަނީ ރައްކާތެރިކަމަށް ބައެއް ފިޔަވަޅުތައް އެޅުމަށްފަހުއެވެ. ސިނަމާގެ ކެޕޭސިޓީ ވަނީ 30 އިންސައްތަ ކަމަށް ކަނޑައަޅާފައެވެ. ސިނަމާއަށް ވަންނަ މީހުންގެ ހަށިގަނޑުގެ ފިނިހޫނުމިން ބެލުމާއި ފޭސް މާސްކް އެޅުން ވަނީ މަޖުބޫރުކޮށްފައެވެ. ހޭންޑް ސެނިޓައިޒާ ފޯރުކޮށްދޭއިރު، ޓިކެޓް އޮންލައިންކޮށް ގަތުމަށް ވަނީ އިރުޝާދު ދީފައެވެ.