އަކްޝޭ ކުމާރް

ޗުއްޓީ ފުރިހަމަ ކުރުމަށް އަކްޝޭ ލަންޑަނަށް

އާއިލާއާއެކު ހޭދަކުރަމުންދިޔަ ޗުއްޓީ ފުރިހަމަކުރުމަށްޓަކައި އަކްޝޭ ކުމާރް އެނބުރި ލަންޑަނަށް ހިނގައްޖެއެވެ.

ފިލްމީ ދާއިރާގައި ބުރަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، އަކްޝޭ ކުމާރާއި އޭނާގެ އަންހެނުން ޓްވިންކަލް ކަންނާ އާއި ދަރިފުޅު ނިތާރާ ކުމާރް ލަންޑަނަށް ދިޔައީ މިމަހުގެ ކުރީކޮޅުއެވެ.

ޗުއްޓީ މެދުކަނޑާލުމަށްފަހު، އަކްޝޭ ކުމާރު އިންޑިއާއަށް އައީ އޭނާގެ ކުރިއަށް އޮތް ފިލްމް "މިޝަން މަންގަލް" ގެ ޓްރެއިލާ ލޯންޗްކުރުމުގެ ރަސްމިއްޔާތަށެވެ. ޓްރެއިލާ ލޯންޗްކުރުމުގެ ރަސްމިއްޔާތުގައި އެ ފިލްމްގެ ހުރިހާ ކާސްޓުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ވިދިޔާ ބާލަން، ތާޕްސީ ޕައްނޫ، ސޮނާކްޝީ ސިންހާ، ކްރިތީ ކުލްހާރީ ހިމެނެއެވެ.

"މިޝަން މަންގަލް" އަކީ އިންޑިއާއިން މާސް އަށް ދާން 2013 ގައި ލޯންޗްކުރި މިޝަން އަށް ކުރި މަސައްކަތަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. ޖަގަން ޝަކްތީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.