އަޖޭ - ފައިލް ފޮޓޯ އަޖޭ ދޭވްގަން ފޭސްބުކް

ކޮވިޑް ވެކްސިނޭޝަން ކޭމްޕެއް އަޖޭ ކުރިއަށް ގެންގޮސްފި

އިންޑިއާގައި ކޮވިޑް ވެކްސިން ދިނުމުގެ ހަރަކާތެއް، ބޮލީވުޑްގެ އެކްޓަރު އަޖޭ ދޭވްގަން ކުރިއަށް ގެންގޮސްފިއެވެ.

މުމްބާއީގައި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ މި ވެކްސިނޭޝަން ކޭމްޕަކީ އަޖޭގެ އެންވައި ފައުންޑޭޝަންއިން ކުރިއަށް ގެންދިޔަ ކޭމްޕެކެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނާއި އިންޑިއާގެ މީޑިއާ ދާއިރާގެ ބައެއް މުވައްފުންނަށް މި ކޭމްޕްގައި ވެކްސިން ދީފައިވެއެވެ.

އިންޑިއާގެ ފިލްމް ކްރިޓީކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.

މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ކޮވިޑް އައިސީޔޫ ސެޓަޕެއް ތައްޔާރުކުރުމަށްވެސް އަޖޭ ވަނީ އެހީތެރިވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ބޭނުންވާ ސިއްހީ ސާމާނު ހޯދުމަށާއި ވެކްސިން ފޯރުކޮށްދިނުމަށް، އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ފަންނާނުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގޮތުން އިންޑިއާގެ ފިލްމް ކުންފުނި ޔަޝް ރާޖް ފިލްމްސްއިން ވަނީ ފިލްމީ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގައި އުޅޭ ގާތްގަނޑަކަށް 4000 މަސައްކަތްތެރިންނަށް މިހާތަނަށް ކޮވިޑް ވެކްސިން ފޯރުކޮށްދީފައެވެ. އެ ކުންފުނިންވަނީ ފިލްމީ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކުގައި ހަރަކާތްތެރިވާ 30000 މީހަކަށް ވެކްސިން ދިނުމަށް ނިންމާފައެވެ.

އިންޑިއާގެ ފިލްމް ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ސާޖިދު ނަދިއަދުވާލާގެ ފިލްމް ކުންފުނި ނަދިއަދްވާލާ ގްރޭންޑްސަން އެންޓަޓެއިންމެންޓްއިން ވަނީ އެ ކުންފުނީގެ 500 އަށްވުރެ ގިނަ މުވައްޒަފުންނާއި މުވައްޒަފުންގެ އާއިލާއަށް ކޮވިޑް ވެކްސިން ދީފައެވެ.