އަޖޭ ދޭވްގަން

"ޕޫލް އައުރް ކާންޓޭ" ގެ ރިމޭކެއް ހަދަން ބޭނުން: އަޖޭ

މީގެ 28 އަހަރު ކުރިން، 1991 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމް "ޕޫލް އައުރް ކާންޓޭ" ރިމޭކް އެއް އުފައްދަން ބޭނުންވާ ކަމަށް އަޖޭ ދޭވްގަން ބުނެފިއެވެ.

އަޖޭ ބޮލީވުޑްގެ ފިލްމަކުން ފުރަތަމަ ފަހަރަށް ފެނިގެން ގޮސްފައިވަނީ، "ޕޫލް އައުރް ކާންޓޭ" އިންނެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައިވަނީ ސަންދޭޝް އެވެ.

ބޮލީވުޑް ހަންގާމާ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން އަޖޭ ބުނީ "ޕޫލް އައުރް ކާންޓޭ" ގެ ރިމޭކެއް ހަދަން ވަރަށް ބޭނުންވާ ކަމަށާއި ނަމަވެސް އެ ފިލްމްގައި އޭނާގެ އެކްޓިން ނުފެންނާނެ ކަމަށެވެ.

އަޖޭ މިވަގުތު ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމް، ރޮމޭންޓިކް ކޮމެޑީ ފިލްމް "ދޭ ދޭ ޕިޔާރު ދޭ" ޕްރޮމޯޓް ކުރުމުގައެވެ. މި ފިލްމްގެ ލީޑް ރޯލުން ފެނިގެންދާނީ އަޖޭ ދޭވްގަން އާއި ތައްބޫ އަދި ރަކުލް ޕްރީތެވެ.

މި ފިލްމްގައި އަޖޭ ފެނިގެންދާނީ އުމުރުން 50 އަހަރުގެ ބައްޕައެއްގެ ރޯލުންނެވެ. އަދި އުމުރުން 26 އަހަރުގެ އަންހެނެއް ދެކެ އަޖޭއަށް ލޯބިވެވުމުގެ ސަބަބުން ހިނގައިގެންދާ ކަންތައްތަކެއް މި ފިލްމުން ފެނިގެންދާނެއެވެ.