ވަޒީފާ ގެއްލުނު މީހުންނަށް އަޖޭގެ އެހީއެއް

ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައިވާއިރު، ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންގެ ތެރެއިން، ލޮކްޑައުންގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންނަށް އެހީވުމުގެ ގޮތުން އަޖޭ ދޭވްގަން ފައިސާ ހަދިޔާކުރަން ނިންމައިފިއެވެ.

އަޖޭ ފައިސާ ހަދިޔާ ކުރަނީ ފެޑްރޭޝަން އޮފް ވެސްޓާން އިންޑިއާ ސިނެ އެމްޕްލޯޔީސްއަށެވެ. އެ ފެޑްރޭޝަންގެ ޖެނެރަލް ސެކެރެޓްރީ އަޝޯކް އާ ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އަޖޭ އެ ފެޑްރޭޝަނަށް ހަދިޔާކުރަނީ 51 ލައްކަ ރުޕީސްއެވެ. އިންޑިއާގެ ފިލްމް ޑިރެކްޓަރު ރޯހިތު ޝެޓީވެސް ވަނީ އެފެޑްރޭޝަނަށް ފައިސާ ހަދިޔާކޮށްފައެވެ.

ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުން ހާލުގައިޖެހި އެމީހުންނަށް އެހީތެރިކަން ބޭނުންވެފައިވާ ވަގުތުގައި، އަޖޭ އާއި ރޯހިތު ޝެޓީ ކަހަލަ މީހުން އެހީވެދޭތީ އުފާކުރާ ކަމަށް އަޝޯކް ވަނީ ބުނެފައެވެ. އަޝޯކް ބުނީ އެ ފެޑްރޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެގެން މީހުން ގުޅަމުންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އިތުރު މީހުންގެ އެހީތެރިކަން ލިބެމުންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، އިންޑިއާ ލޮކްޑައުން ކޮށްފައިވާއިރު އެންމެންވެސް ގޭގައި ތިބުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. ލޮކްޑައުން އާ ގުޅިގެން، ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނަށް ވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައެވެ.