ފުރަތަމަ އިސްތިހާރުން މިލިންދްއަށް ލިބުނީ 50000 ރުޕީސް
އިންޑިއާގެ ސުޕަމޮޑެލް، އެކްޓަރު އަދި ފިޓްނެސް ޕްރޮމޯޓާ މިލިންދް ސޯމަން މިވަނީ އޭނަ ފުރަތަމަ ކުޅުނު އިސްތިހާރުގެ ހަނދާން އާކޮށްލާފައެވެ. އިންސްޓަގްރާމްގައި #ތުރޯބެކްތާސްޑޭ އާއެކު މިލިންދް ހާމަކުރި ގޮތުގައި ފުރަތަމަ އިސްތިހާރުން އޭނާއަށް ލިބުނީ 50،000 ރުޕީސްއެވެ.
މިލިންދް ބުނި ގޮތުގައި އޭނާ ފުރަތަމަ އިސްތިހާރެއް ކުޅުނީ 1989 ވަނަ އަހަރުއެވެ. ފޮޓޯ ނެގުމަށް ގަޑިއިރުތަކެއް ހޭދަކުރަން ޖެހުނުއިރު 50،000 ރުޕީސް ލިބުމުން ހައިރާންވިކަމަށް މިލިންދް ބުންޏެވެ.
ކުރީގެ ހަނދާންތައް އާކުރަމުން މިލިންދް ބުނީ އޭރު އޭނާގެ އުމުރަކީ 23 އަހަރު ކަމަށެވެ. އޭރު މަސައްކަތް ކުރަމުންދިޔައީ ހޮޓަލެއްގައި ކަމަށާއި ކެރިއަރެއްގެ ގޮތުގައި އިހުތިޔާރު ކުރާނީ ވެއިޓަރަކަށްވުންތޯ ނުވަތަ ކައްކާއަކަށްވުންތޯ ވިސްނަމުންދިޔަ ކަމަށް މިލިންދް ވަނީ ބުނެފައެވެ.
އުމުރުން މިހާރު 54 އަހަރުވެފައިވާ މިލިންދް އަކީ ފިޓްނަސް ދާއިރާގައިވެސް ފާހަގަކޮށްލެވޭ ފަންނާނެކެވެ. ކަސްރަތުކުރާއިރު ނަގާފައިވާ ފޮޓޯތައް މިލިންދް ދަނީ އިންސްޓަގްރާމްގައި ހިއްސާކުރަމުންނެވެ.