ޕޯލް ވަލްޓާ

ފިލްމް "ކްރުއެލާ" އަށް ޕޯލް ގުޅިއްޖެ

ޑިޒްނީ އިން ގެނެސްދިން ކާޓޫން "101 ޑަލްމޭޝަން" އަށް ބިނާކޮށް އުފައްދާ ފިލްމް "ކްރުއެލާ" އަށް އެކްޓަރު ޕޯލް ވަލްޓާ ގުޅިއްޖެއެވެ.

އެކްޓަރު ޕޯލް، މި ފިލްމްގައި ފެނިގެންދާނީ "ކްރުއެލާ" ގެ އެހީތެރިއެއްގެ ރޯލުންނެވެ. ގިނަ ބަޔަކު އިންތިޒާރުކުރާ މި ފިލްމްގައި "ކްރުއެލާ" ގެ ރޯލު ކުޅޭނީ އެމާ ސްޓޯންއެވެ. މި ފިލްމުން އެމާ ތޮމްޕްސަންވެސް ފެނިގެންދާނެ ކަމަށް ހޮލީވުޑްގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.

މި ފިލްމާއި ބެހޭ ގޮތުން މާ ބޮޑު ތަފުސީލެއް ޑިޒްނީ އިން އަދި ހާމައެއް ނުކުރެއެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޑިޒްނީ އިން ވަނީ "ލިޓިލް މާމެއިޑް" އާއި "ސްނޯ ވައިޓް" އާއި "ޕިނޯކިޔޯ" އަށް ވެސް ރިމޭކް ލައިވް-އެކްޝަން ފިލްމްތަކެއް އުފެއްދުމަށް ނިންމާފައިވާ ކަން އިއުލާނުކޮށްފައެވެ.