
ލޮކްޑައުން އުސޫލާއި ހިލާފުވުމުން ޕޫނަމް ހައްޔަރުކޮށްފި
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށް، ހަދާފައިވާ ލޮކްޑައުން އުސޫލުތަކާއި ހިލާފުވުމުގެ ސަބަބުން، އިންޑިއާގެ އެކްޓްރެސް އަދި މޮޑެލް ޕޫނަމް ޕާންޑޭ ހައްޔަރުކޮށްފިއެވެ.
އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޕޫނަމް ހައްޔަރުކޮށްފައިވަނީ މުމްބާއީގެ ފުލުހުންނެވެ. ޕޫނަމް ހައްޔަރުކުރީ، އޭނާގެ ލަގްޒަރީ ކާރު ދުއްވަމުން ދަނިކޮށެވެ. އެ ކާރުވެސް ވަނީ މުމްބާއީގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
އުމުރުން 29 އަހަރުގެ އެކްޓްރެސް ވަނީ ތެލުގޫ އަދި ހިންދީ ފިލްމްތައްވެސް ކުޅެފައެވެ. 2016 ވަނަ އަހަރުގެ ތެރޭގައި ޕޫނަމް ވަނީ ރާއްޖެ ޒިޔާރަތްކޮށް ޗުއްޓީ ހޭދަކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކުރީ މާޗް މަހުގެ ތެރޭގައެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާ އެންމެ ފުރަތަމަ ލޮކްޑައުން ކުރީ 21 ދުވަހުގެ މުއްދަތަކަށެވެ. އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ލޮކްޑައުންގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.