ފަރްހާން ހަދިޔާކުރި ޕީޕީއީތައް

ކުރީ ސަފުގައި ހަރަކާތްތެރިވާ މީހުންނަށް ފަރްހާން ޕީޕީއީ ހަދިޔާކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އެހީތެރިވުމުގެ ގޮތުން، އިންޑިއާގެ ފިލްމް ޑައިރެކްޓަރު، ޕްރޮޑިއުސަރު އަދި އެކްޓަރު ފަރްހާން އަހްތަރު، ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) ހަދިޔާކޮށްފިއެވެ.

ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު ޕީޕީއީ މަދުވުމުގެ މައްސަލަ ވަނީ ދިމާވެފައެވެ. ފަރްހާން ވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް 1000 ޕީޕީއީ ހަދިޔާކޮށްފައެވެ.

ފަރްހާން ވަނީ ޕީޕީއީ ހުރި ފޮށިތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ފަރްހާން ބުނި ގޮތުގައި މިއީ ޕީޕީއީގެ ފުރަތަމަ ބެޗެވެ. އެ ޕީޕީއީތައް ހަދިޔާކޮށްފައިވަނީ ވަކޯލާ ޕޮލިސް ސްޓޭޝަނަށެވެ.

ކޮވިޑް-19 އާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެވެން ހުރި ފަރާތްތަކުން އެހީތެރިވުމަށް ފަރްހާން ވަނީ އެދިފައެވެ. ކޮވިޑް-19 އާ ގުޅިގެން ބޮލީވުޑްގެ ބައެއް ފަންނާނުން ދަނީ އެކި ގޮތް ގޮތުން އެހީތެރިކަން ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.