ކިރަން

ކުރީގެ އެކްޓަރު ކިރަންއަށް ކޮވިޑް-19 ޖެހިއްޖެ

އިންޑިއާގެ ކުރީގެ ފިލްމީ ތަރި، ކިރަން ކުމަރްއަށް ކޮވިޑް-19 ޖެހިއްޖެއެވެ.

އުމުރުން 74 އަހަރުގެ އެކްޓަރު މިވަގުތު ހުރީ ހޯމް ކަރަންޓީންގައެވެ. ކިރަން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ކޮވިޑް-19 ގެ އަލާމާތްތައް އޭނާގެ ކިބައިން އަދި ނުފެންނަ ކަމަށެވެ.

"މޭ 14 ގައި، އަހަރެން ހޮސްޕިޓަލަށް ދިޔައީ މެޑިކަލް ޗެކަޕެއް ހެދުމަށް، ކޮވިޑް-19 އަށް ޓެސްޓުކުރީ އުސޫލުގެ ތެރެއިން" ކިރަން ބުންޏެވެ. ކޮވިޑް-19 ޖެހިފައިވާކަން އެނގުނީ އެ ޓެސްޓު ހެދުމުން ކަމަށާއި ހުމާއި ކެއްސުން ފަދަ ކަަމެއް ނެތް ކަމަށް ކިރަން ވަނީ ބުނެފައެވެ.

ކިރަން ކުޅެފައިވާ ބައެއް ފިލްމްތަކުގެ ތެރޭގައި "ޓެޒާބް" އާއި "ގާތިލް" އާއި 1990 ވަނަ އަހަރުގެ ފިލްމް "ސީ.އައި.ޑީ" އާއި "އާޖް ކާ އަރްޖުން" ހިމެނެއެވެ.

"އަހަރެންގެ އާއިލާ ދިރިއުޅެނީ އިމާރާތުގެ ދެވަނަ ފަންގިފިލާގައި އަދި އަހަރެން މިހާރު ދިރިއުޅެނީ ތިންވަނަ ފަންގިފިލާގައި. މޭ 26 ނުވަތަ މޭ 27 ގައި، ދެވަނަ ޓެސްޓް ހެދޭނެ." ކިރަން ބުންޏެވެ.

އިންޑިއާއިން 131،900 އަށްވުރެ ގިނަ މީހުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވެއެވެ. އެގައުމުން ކޮވިޑް-19 ގައި 3،869 މީހުން މަރުވެފައިވާއިރު 54،441 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.