
މުމްބާއީ ފުލުހުން ބޭނުންކުރަން ރޯހިތުގެ ހޮޓެލްތައް ދީފި
އިންޑިއާގެ ފިލްމް ޑިރެކްޓަރު ރޯހިތު ޝެޓީގެ ހޮޓެލްތަކެއް، ކޮވިޑް-19 އާ ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ މުމްބާއީގެ ފުލުހުން ބޭނުންކުރުމަށް ދީފިއެވެ.
އެކަމަށް ޝުކުރު އަދާކޮށް މުމްބާއީ ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ރޯހިތު ޝެޓީގެ އަށް ހޮޓަލެއް، މުމްބާއީގެ ފުލުހުން ބޭނުންކުރުމަށް ހަމަޖައްސައިދީފައިވާ ކަމަށެވެ. ފުލުހުން އަރާމު ކުރުމާއި ފެންވެރުމުގެ އިންތިޒާމު އެ ހޮޓެލްތަކުގައި ހަމަޖައްސައިދީފައިވާ ކަމަށާއި ހެނދުނާއި ރޭގަނޑުގެ ނާސްތާގެ ކަންކަންވެސް ހަމަޖައްސައިދީފައިވާ ކަމަށް މުމްބާއީ ފުލުހުން ވަނީ ބުނެފައެވެ.
ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު، އޭގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ބަޔަކީ ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންނެވެ. މި ހާލަތުގައި އާމްދަނީ ލިބުން ހުއްޓިފައިވާ، ދުވަހު މުސާރަ މަސައްކަތްތެރިންނަށް ރޯހިތު ވަނީ 51 ލައްކަ ރުޕީސް ހަދިޔާކޮށްފައެވެ.
މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ލޮކްޑައުން ކޮށްފައިވާ މުއްދަތު ވަނީ ފަހުން އިތުރުކޮށްފައެވެ. އިންޑިއާ ސަރުކާރުން އެގައުމު ލޮކްޑައުން ކުރީ، ބަލިމަޑުކަން އެގައުމުގައި ފެތުރުން ކުޑަކުރުމުގެ ގޮތުންނެވެ.