ފިލްމެއްގެ ކްރޫން: ފައިލް ފޮޓޯ

ފިލްމީ މަސައްކަތްތައް އަލުން ފެށުމަށް ޕްލޭންތައް ހެދުމަށް އިރުޝާދު ދީފި

ބޮލީވުޑްގެ ފިލްމީ މަސައްކަތްތައް އަލުން ފެށުމަށް ޕްލޭންތައް ހެދުމަށް އިންޑިއާގެ މަހާރާޝްތުރާގެ ޗީފް މިނިސްޓަރު އިރުޝާދު ދީފިއެވެ.

އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ލިމިޓެޑް މީހުންނާއެކު ފިލްމް ޝޫޓިން އަދި ޕޯސްޓް-ޕްރޮޑަކްޝަންގެ މަަސައްކަތްތައް ކުރިއަށް ގެންދެވޭނެ ގޮތްތަކުގެ ޕްލޭންތައް ހެދުމަށް ޗީފް މިނިސްޓަރު ވަނީ އިރުޝާދު ދީފައެވެ. އެއާއެކު އުފެދިފައިވާ އެއް ސުވާލަކީ ގާތްގަނޑަކަށް 400 އެއްހާ މީހުންނާއެކު ކުރިއަށް ގެންދާ ފިލްމް / ޓީވީ ޝޫޓްސް 30 ނުވަތަ 40 ހަކަށް މީހުންނާއެކު ކުރިއަށް ގެންދެވިދާނެތޯއެވެ.

ފިލްމް ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ބުނީ ފިލްމް ސެޓަށް ދިއުމުގެ ކުރިން ކެތްތެރިކަމާއެކު ދެތިން މަހު ވިސްނާލަން ތިބެން ޖެހޭ ކަމަށެވެ. ޒަފަރު ބުނި ގޮތުގައި އަލުން ފިލްމީ މަސައްކަތްތައް ފެށުމަކީ "ވަރަށް ބޮޑު ރިސްކް" އެކެވެ.

މަދު އަދަދެއްގެ މީހުންނާއެކު މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް، އޭގެ ތެރެއިން އެކަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާނަމަ ދެން ކަންތައް ވެގެންދާނީ ކިހިނެތްތޯ ޒަފަރު ވަނީ ސުވާލު އުފައްދާފައެވެ. ފިލްމްގެ ކާސްޓުން ގާތުގައި ނުތިބެ ފިލްމްގެ މަންޒަރު ނަގާނީ ކިހިނެތްތޯ ޒަފަރު ވަނީ ސުވާލު އުފައްދާފައެވެ.

ފިލްމް ޕްރޮޑިއުސަރު ބުޝަން ކުމާރް ބުނި ގޮތުގައި އެންމެ މުހިންމީ ކާސްޓް އަދި ކްރޫންގެ ސަލާމަތާއި ރައްކާތެރިކަމެވެ. ފިލްމް ޝޫޓިން އަލުން ފަށާނަމަ، ޗެލެންޖެސްތަކެއް ހުންނާނެ ކަމަށް ބުޝަން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން، މިއަހަރުގެ މާޗް މަހުގެ ތެރޭގައި އިންޑިއާ ވަނީ ލޮކްޑައުންކޮށްފައެވެ. އެއާއެކު ބޮލީވުޑްގެ ފިލްމީ މަސައްކަތްތައް ވަނީ ހުއްޓިފައެވެ.