"ޓައިގާ 3" ގެ ސެޓު ހަލާކުކޮށްލަން ޖެހިއްޖެ
މުމްބާއީއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން، ސަލްމާން ޚާންގެ ފިލްމް "ޓައިގާ 3" ގެ ސެޓު ހަލާކުކޮށްލަން ޖެހިއްޖެއެވެ.
ބޮލީވުޑްގެ ޚަބަރުތައް ބުނާ ގޮތުން ފިލްމް "ޓައިގާ 3" ގެ ސެޓު ހަލާކުކޮށްލަން ޖެހުމުގެ ސަބަބުން 8-9 ކްރޯޑް ރުޕީސްގެ ގެއްލުމެއް، ފިލްމް އުފައްދާ ފަރާތަށް ވާނެއެވެ.
"ޓައިގާ 3" ގައި ސަލްމާން ޚާންއާއެކު ފެނިގެންދާނެ ބަތަލާއަކީ ކެޓްރީނާ ކައިފްއެވެ. ކޮވިޑް-19 އާ ގުޅިގެން އިންޑިއާ ފުރަތަމަ ފަހަރަށް ލޮކްޑައުން ކުރުމަށްފަހު، ލުއި ދިނުމާއެކު ސަލްމާން ޚާން އާއި ކެޓްރީނާ ކައިފް ވަނީ ފިލްމްގެ ޝޫޓިން ކުރިއަށް ގެންގޮސްފައެވެ.
އިންޑިއާގައި ކޮވިޑް-19 ގެ ދެވަނަ ރާޅާއެކު ފިލްމްގެ ޝޫޓިން އަނެއްކާވެސް ހުއްޓިފައިވާއިރު، މިހާރު މުމްބާއީއަށް ކުރަމުންދާ ވިއްސާރައިގައި "ޓައިގާ 3" ގެ ސެޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ޓައިގާ 3" ގެ އައު ސެޓު ތައްޔާރުކުރީ މިއަހަރުގެ މާޗް މަހުއެވެ. ސެޓުގެ މަސައްކަތުގައި 250 – 300 އެއްހާ މަސައްކަތްތެރިން ހަރަކާތްތެރިވިއެވެ.
ވިއްސާރައިގައި ސެޓަށް ލިބުނު ގެއްލުމުގެ ސަބަބުން މިހާރު އެ ސެޓު ބޭނުން ކުރެވެން ނެތެވެ. އެ ސެޓު ހަލާކުކޮށްލުމަށް، ފިލްމް އުފައްދާ ފަރާތުން މިހާރު ވަނީ އަންގާފައެވެ. އެ މަސައްކަތުގައި 100 – 150 އެއްހާ މީހުން ހަަރަކާތްތެރިވާނެއެވެ.