ބެން އެފްލެކް

ޕަޕަރާޒީންގެ އަމަލުތައް "ޑަޔާނާ-ލެވަލް" ގައި

އެމެރިކާގެ އެކްޓަރު ބެން އެފްލެކް އާއި ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕޭޒްގެ ކައިވެންޏަށްފަހު، އެދެމީހުން ހަނީމޫނަށް ދިޔައީ ޕެރިސްއަށެވެ. ނަމަވެސް ޕަޕަރާޒީންގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން ބެން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.

ޕަޕަރާޒީންގެ އަމަލުތައް ހުރީ "މުޅިން އާ ހަރުފަތެއް" ގައި ކަމަށް ބެން ބުނެފައިވެއެވެ. ބެން ބުނި ގޮތުގައި އެއީ "ޕްރިންސެސް-ޑަޔާނާ ލެވަލް" އާ ދާދި އެއްވަރެކެވެ.

އާންމުކޮށް މީހުންގެ ކެމެރާގެ ލެންސު އަމާޒުވާ ބެން، އޭނާގެ މިފަހަރު ހަނީމޫން ސިފަކުރީ ސުނާމީއެއްގެ ގޮތުގައެވެ.

ސަޕޯޓަރުން ހައިރާންކޮށްލައި، ބެން، 49 އާއި ޖެނިފާ ލޯޕޭޒް 53، ކައިވެނި ކުރީ މިއަހަރުގެ ޖުލައި މަހު، ލަސް ވެގަސްގައެވެ.

މީގެ ކުރިން 2002 ވަނަ އަހަރު ބެން އާއި ޖެނިފާ ލޯޕޭޒް ލޯބީގެ ގޮތުން ގުޅުނެވެ. އޭރު މީޑިއާގެ ސަމާލުކަން، އެދެމީހުންނަށް ވަރަށް ބޮޑަށް ލިބިގެންދިޔައެވެ. އޭގެ ސަބަބުން ދެ މީހުން 2003 ގައި ކުރަން އޮތް ކައިވެނި ފަސްކުރިއެވެ. ކައިވެނި 2004 އަށްފަސްކޮށް، ދެ މީހުންގެ ލޯބީގެ ގުޅުން ނިމުމަކަށް އައިސްފައިވާ ކަމަށް ދެ މީހުންވެސް އޭރު އިއުލާނުކުރިއެވެ.

އެއާއެކު ބެން ދެން ކައިވެނި ކުރީ އެމެރިކާގެ އެކްޓްރެސް ޖެނިފާ ގާނާއާއެވެ. ބެން އާއި ޖެނިފާ ގާނާގެ ތިން ކުދިން ތިބެއެވެ. ބެން އާއި ޖެނިފާ ގާނާގެ ކައިވެނި ރޫޅުނީ 2018 ގައެވެ.

ޖެނިފާ ލޯޕޭޒް 2004 ގައި ކައިވެނި ކުރީ ލަވަކިޔުންތެރިޔާ މާކް އެންތަނީ އާއެވެ. ޖެނިފާގެ ދެ ކުދިން ތިބޭއިރު އެއީ ދެ ނިބޫ ކުދިންނެވެ.