ސިއްހީ އެހީތެރިންނަށް ސޭންޑްރާ މާސްކް ހަދިޔާކޮށްފި

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާ ސިއްހީ އެހީތެރިންނަށް، ހޮލީވުޑްގެ ތަރި ސޭންޑްރާ ބްލޮކް، އެން95 ގެ 6000 މާސްކް ހަދިޔާކޮށްފިއެވެ.

މާސްކް ހަދިޔާކުރަމުން ނަގާފައިވާ ފޮޓޯއެއް، ސޭންޑްރާގެ ލޯބިވެރިޔާ ބްރަޔަން ރެންޑާލް ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. މާސްކްތައް ހަދިޔާކޮށްފައިވަނީ ލޮސް އެންޖެލްސްގެ ކުޑަކުދިންގެ ހޮސްޕިޓަލަކަށެވެ. މާސްކްތަކާއި ހަވާލުވީ އެ ހޮސްޕިޓަލްގެ މުވައްޒަފެކެވެ. މާސްކްތަކާއެކު އެ މުވައްޒަފު މަޑުކޮށްލައިގެން ހުންނައިރު، ފަހަތުގައި ސޭންޑްރާ މަޑުކޮށްލައިގެން ހުއްޓާ ފެނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބައެއް ފަންނާނުން ދަނީ އޯގަނައިޒޭޝަންތަކާއި ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ޖޭ-ޒީ އާއި މީކް މިލް ވަނީ 100،000 ސާޖިކަލް މާސްކް ހަދިޔާކޮށްފައެވެ.

އެކްޓަރު ރިއަން ރޭނޮލްޑްސް އާއި އޭނާގެ އަންހެނުން އަދި އެކްޓްރެސް ބްލޭކް ލިވްލީ ވަނީ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފައެވެ. އެ ފައިސާ ހަދިޔާކޮށްފައިވަނީ އެމެރިކާގެ އެންޖީއޯ އެއް ކަމަށްވާ "ފީޑިން އެމެރިކާ" އަދި ކެނެޑާގެ ޗެރިޓަބަލް އޯގަނައިޒޭޝަނެއް ކަމަށްވާ "ފުޑް ބޭންކްސް ކެނެޑާ" އަށެވެ.