ވިރާޓް އާއި އަނުޝްކާ

ކޮވިޑް-19 އާ ދެކޮޅަށް އަނުޝްކާ އާއި ވިރާޓްގެ ފައިސާ އެހީ

ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ރިލީފް ފަންޑާއި ޗީފް މިނިސްޓަރު (މަހާރާޝްތްރާ) ރިލީފް ފަންޑަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރުމާ އާއި އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ ހާމަކޮށްފިއެވެ.

މޯދީގެ ރިލީފް ފަންޑާއި ޗީފް މިނިސްޓަރުގެ ރިލީފް ފަންޑަށް ހަދިޔާކުރާ ފައިސާގެ އަދަދެއް އަނުޝްކާ އަދި ވިރާޓްވެސް ހާމައެއް ނުކުރެއެވެ. ނަމަވެސް ބައެއް މަސްދަރުތަކާއި ހަވާލާދީ އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެ ދެމީހުން ހަދިޔާކުރަނީ ތިން ކްރޯޑް ރުޕީސެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ ވަނީ ލޮކްޑައުންކޮށްފައެވެ.

މޯދީގެ ރިލީފް ފަންޑަށް ފައިސާ ހަދިޔާކުރާނެ ކަން ހާމަކުރި ފަންނާނުންގެ ތެރޭގައި އަކްޝޭ ކުމާރާއި ރާޖްކުރާމް ރާއޯ ހިމެނެއެވެ. އެގޮތުން އެ ފަންޑަށް 25 ކްރޯޑް ރުޕީސް ހަދިޔާކުރާނެ ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. މޯދީގެ ފަންޑުގެ އިތުރުން ޗީފް މިނިސްޓަރު ފަންޑާއި ޒޮމަޓޯ ފީޑިން އިންޑިއާއަށް ފައިސާ ހަދިޔާކުރާނެ ކަމަށް ރާޖްކުމާރް ބުނި ނަމަވެސް، ހަދިޔާކުރާ ފައިސާގެ އަދަދު އޭނާ ހާމަނުކުރާތީ ގިނަ ބަޔަކު ދަނީ އޭނާއަށް ތައުރީފުކުރަމުންނެވެ.