އިންސްޓަގްރާމްގައި އޮލްގާ އާންމުކުރި ފޮޓޯ

ކޮވިޑް-19 އިން ރަނގަޅުވެފައިވާ ކަމަށް އޮލްގާ ބުނެފި

ކޮވިޑް-19 އަށް ޕޮޒިޓިވްވި، ޔޫކްރެއިން-ފްރެންޗް އެކްޓްރެސް، އޮލްގާ ކްރިލެންކޯ އެބަލިން މިހާރު ރަނގަޅުވެފައިވާކަން ހާމަކޮށްފިއެވެ.

ޔޫކްރެއިނަށް އުފަންވި ތަރި، އޮލްގާ ކޮވިޑް-19 އިން ރަނގަޅުވެފައިވާކަން ހާމަކުރީ އޭނާގެ އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައެވެ. ފޮޓޯއިން ފެނިގެންދަނީ އޮލްގާ އޭނާގެ ދަރިފުޅެވެ. ފޮޓޯއިން ފެންނަ ގޮތުން އޮލްގާ އިންނަނީ ސާޖިކަލް މާސްކެއް އަޅައިގެންނެވެ.

އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި އޮލްގާ ވަނީ ކޮވިޑް-19 ގައި އޭނާއަށް ކުރެވުނު ތަޖުރިބާ ހިއްސާކޮށްފައެވެ. އޮލްގާ ބުނި ގޮތުގައި ފުރަތަމަ ހަފުތާގައި އޭނާގެ ހާލު ގޯހެވެ. ގިނަ ވަގުތު އޮވެވުނީ އެނދުމަތީގައެވެ. ނިދުމުގައެވެ. ވަރަށް ބޮޑަށް ހުން ހުރި ކަމަށާއި ވަރަށް ގަދައަށް ބޮލުގައި ރިއްސި ކަމަށް އޮލްގާ ބުންޏެވެ.

އޮލްގާ ބުނި ގޮތުގައި ދެވަނަ ހަފުތާގައި ހުން ފިލައިގެން ދިޔައެވެ. ކުޑަކޮށް ކެއްސުން ހުރިއިރު ވަރަށް ބޮޑަށް ވަަރުބަލިކަން އިހުސާސް ކުރެވުނު ކަމަށް އޮލްގާ ބުންޏެވެ. މިހާރު ކޮންމެވެސް ވަރަކަށް ހެނދުނު ކެއްސި ނަމަވެސް، ދުވަހުގެ އެހެން ވަގުތުތަކުގައި ނުކެއްސާ ކަމަށާއި މިހާރު ހާލު ރަނގަޅު ކަމަށް އޮލްގާ އޭނާގެ އިންސްޓަގްރާމްގައި ކުރި ޕޯސްޓްގައި ބުނެފައިވެއެވެ.

އިންސްޓަގްރާމްގައި އޮލްގާ އާންމުކުރި ޕޯސްޓްގެ ސްކްރީން ޝޮޓެއް

އުމުރުން 40 އަހަރުގެ އެކްޓްރެސް ބުނި ގޮތުގައި، މިހާރު އޭނާ ވަގުތު ހޭދަކުރަނީ ދަރިފުޅާއެކުގައެވެ.

ޖޭމްސް ބޮންޑްގެ 2008 ވަނަ އަހަރުގެ ފިލްމްގައި، އެކްޓަރު ޑެނިއަލް ކްރެއިގްއާއެކު އޮލްގާ ފެނިގެން ގޮސްފައެވެ. އޭގެ އިތުރުން 2018 ވަނަ އަހަރުގެ ފިލްމް، "ޖޮނީ އިންގްލިޝް ސްޓްރައިކްސް އަގެއިން" އިންވެސް އޮލްގާ ވަނީ ފެނިގެން ގޮސްފައެވެ.