އަނުޝްކާ އާއި ވިރާޓް: ފައިލް ފޮޓޯ އިންސްޓަގްރާމް މޯހިތު

އަނުޝްކާ އާއި ވިރާޓްގެ ކޮވިޑް ފަންޑަށް 11 ކްރޯޑް ރުޕީސް

ބޮލީވުޑްގެ އެކްޓްރެސް އަނުޝްކާ ޝަރްމާ އާއި އޭނާގެ ފިރިމީހާ އަދި އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އިސްވެ ހިންގި ކޮވިޑް ރިލީފް ފަންޑަށް 11 ކްރޯޑް ރުޕީސް ލިބިއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ވާހަކަ ދައްކަމުން އަނުޝްކާ ޝަރްމާ އާއި ވިރާޓް ބުނީ ފަންޑް ނިމުމަކަށް އައިސްފައިވާ ކަމަށާއި ކޮވިޑް ރިލީފްއަށް ފައިސާ ހަދިޔާކުރި މީހުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

ކަނޑައެޅި އަމާޒަށް ފައިސާ އެއްކުރެވިފައިވާ ކަމަށާއި އާންމުންގެ އެހީއާ ނުލާ މިކަން ކާމިޔާބު ނުވާނެ ކަމަށް ވިރާޓް ވަނީ ބުނެފައެވެ. އަނުޝްކާ ބުނި ގޮތުގައި، އިންޑިއާގައި ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް އެ ފައިސާ ބޭނުންކުރެވިގެންދާނެއެވެ.

ވީޑިއޯގައި ވާހަކަ ދައްކަމުން އަނުޝްކާ އާއި ވިރާޓް ވަނީ އެންމެންވެސް މާސްކް އެޅުމަށާއި ސެނިޓައިޒްކުރުމަށް އިލްތިމާސްކޮށްފައެވެ. ފުރުސަތު ލިބުމުން ވެކްސިން ޖެހުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަނުޝްކާ ޝަރްމާ އާއި ވިރާޓް ވަނީ މި ފަންޑަށް ދެ ކްރޯޑް ރުޕީސް ހަދިޔާކޮށްފައެވެ.