މިލިންދް ކަސްރަތުކުރުމުގައި

މިލިންދް ގޭގައިވެސް ކަސްރަތުކުރުމުގައި

އުމުރުން 54 އަހަރުގައިވެސް، އިންޑިއާގެ ސުޕަމޮޑެލް، އެކްޓަރު އަދި ފިޓްނެސް ޕްރޮމޯޓާ މިލިންދް ސޯމަން ހުރީ ވަރަށް ސިއްހަތު ރަނގަޅުކޮށެވެ. ކޮރޯނާ ވައިރަސް އާ ގުޅިގެން 21 ދުވަހަށް އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު، ގޭގައި ހުރެގެން ކަސްރަތުކުރާ މަންޒަރު މިލިންދް ވަނީ އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޭނުންނާއި ހިއްސާކޮށްފައެވެ.

މިލިންދް އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް އާންމު ކުރި ވީޑިއޯ އިން ފެނިގެންދަނީ ޕުޝް-އަޕްސް ހަދާ މަންޒަރެވެ. މިލިންދް ޕުޝް-އަޕްސް ހަދާއިރު، އޭނާގެ އަނބިމީހާ އަންކިތާ ކޮންވަރް އިށީނދެލައިގެން އިންނަނީ މިލިންދްގެ ބުރަކަށި މަތީގައެވެ.

އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއާއެކު މިލިންދްވަނީ، ކަސްރަތުކުރާއިރު ފުރަތަމަ ފަހަރުން އަނބިމީހާ އެގޮތަށް ނުއުފުލުމަށް ނަސޭހަތްތެރިވެފައެވެ. މިލިންދް ބުނީ ފުރިހަމައަށް މަސައްކަތްކުރާ ހަށިގަނޑުގެ ދިފާއީ ނިޒާމެއް ބޭހަށްވުރެ ރަނގަޅު ކަމަށެވެ. އަދި ފުރިހަމައަށް މަސައްކަތްކުރާ ހަށިގަނޑުގެ ދިފާއީ ނިޒާމަކަށް ކަސްރަތުކުރަންޖެހޭ ކަމަށްވެސް މިލިންދް ވަނީ ބުނެފައެވެ.

އިންޑިއާ 21 ދުވަހަށް ލޮކްޑައުންކޮށްފައިވާއިރު، މަޝްހޫރު ފަންނާނުން ދަނީ ގޭގައި ތިބެގެން އެ ފަންނާނުން ކުރަމުންދާ މަސައްކަތްތައް ސޯޝަލް މީޑިއާ މެދުވެރިކޮށް ފޭނުންނާއި ހިއްސާކުރަމުންނެވެ.