ފަރާގެ ފިލްމަށް ރިތިކް އާއި އަނުޝްކާ؟

ރޯހިތު ޝެޓީގެ ފިލްމް ކުންފުންޏަށް، ފަރާ ހާން ފިލްމެއް ޑައިރެކްޓްކޮށްދޭން އުޅޭ ކަމުގެ ވާހަކައަކީ ބޮލީވުޑްގައި މިވަގުތު އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައެވެ. ރިޕޯޓްތައް ބުނާ ގޮތުން މިއީ 1982 ވަނަ އަހަރު އަމީތާބް ބައްޗަން ލީޑްރޯލުން ފެނިގެންދިޔަ "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކްއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމްގައި ލީޑްރޯލުން ފެނިގެންދާނީ ރިތިކް ރޯޝަނެވެ. އޭގެ އިތުރުން އަނުޝްކާ ޝަރުމާ އާއި ދިޕިކާ ޕަދުކޯންވެސް މި ފިލްމުން ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމަށް ވެއްޖެނަމަ މިއީ ރިތިކް އާއި އަނުޝްކާ އެއް ފިލްމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.

ފިލްމާއި ބެހޭ ގޮތުން ތަފުސީލެއް، ފިލްމް އުފައްދާ ފަރާތުން މީޑިއާއަށް އަދި ހާމައެއް ނުކުރެއެވެ. ނަމަވެސް މި ފިލްމްގެ ޝޫޓިން އަންނަ އަހަރު ކުރީކޮޅު ފަށައި 2021 ވަނަ އަހަރު ރިލީޒްކުރާނެ ކަމަށް ބެލެވެއެވެ.

ކަންއެހެން އޮތްއިރު، ރިތިކް ރޯޝަން ލީޑްރޯލު ކުޅެފައިވާ ފިލްމް "ވާރ" އަކީ މިހާރު ބޮލީވުޑް ބޮކްސް އޮފީހުގައި ރަސްކަން ކުރަމުންދާ ފިލްމެވެ. "ވާރ" ވަނީ މިއަހަރުގެ މިހާތަނަށް ރިލީޒްކުރި ބޮލީވުޑްގެ ފިލްމްތަކުގެ މައްޗަށް ކުރި ހޯދައި ބޮލީވުޑް ބޮކްސް އޮފީހުގެ ރެކޯޑްތަކެއް މުގުރާލާފައެވެ.

އަނުޝްކާ އެންމެފަހުން ސްކްރީނުން ފެނިގެންގޮސްފައިވަނީ ޝާހްރުކްހާނާއެކު ފިލްމް "ޒީރޯ" އިންނެވެ.