"ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" ގެ ޝޫޓިން ފަށައިފި

މަޝްހޫރު ފިލްމް ފްރެންޗައިޒް "ޖުރަސިކް ޕާކް" ގެ ކުރިއަށް އޮތް ފިލްމް، "ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" ގެ ޝޫޓިން ފަށައިފިއެވެ.

ސައިންސް-ފިކްޝަން އެޑްވެންޗާ، މި ފިލްމްގެ ޝޫޓިން ފެށިކަން ހާމަކޮށްފައިވަނީ ފިލްމްގެ ޑައިރެކްޓަރު ކޮލިން ޓްރެވެރޯ ކުރި ޓްވީޓެއްގައެވެ.

މި ފިލްމްގެ އެކްޓަރެއް ކަމަށްވާ ކްރިސް ޕްރެތާވެސް ވަނީ ފިލްމްގެ ޝޫޓިން ފެށިގެން ކުރިއަށްދާކަން ހާމަކޮށްފައެވެ. އެގޮތުން ފިލްމްގެ ޝޫޓިންއަށް ކަނޑައަޅާފައިވަނީ 100 ދުވަސް ކަމަށްވެސް އޭނާ ކުރި ޓްވީޓްގައި ވަނީ ބުނެފައެވެ.

"ޖުރަސިކް ވޯލްޑް: ޑޮމިނިއޮން" ގެ އިތުރު ކާސްޓުންގެ ތެރޭގައި ބްރީޒް ޑަލަސް، ލައުރާ ޑާން، ސޭމް ނީލް އަދި ޖެފް ގޯލްޑްބްލަމް ހިމެނެވެ.

މި ފިލްމް ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.