"ޖެމިނީ މޭން" ގައި ވިލް ސްމިތް ޒުވާންކޮށް ހުއްޓައި ފެންނާނެ

ހޮލީވުޑްގައި ވީއެފްއެކްސް ބޭނުން ނުކުރާ ފިލްމެއް މިހާރު ވަރަށް މަދުވާނެއެވެ. އެކި ގޮތް ގޮތަށް ވީއެފްއެކްސް ބޭނުން ކުރެވޭއިރު މިފަހަރު އެކްޓަރު ވިލް ސްމިތް ފެނިގެންދާ ފިލްމް، "ގެމިނީ މޭން" ގައި ވީއެފްއެކްސް ބޭނުން ކުރެވިފައިވަނީ ވިލް ސްމިތް ޒުވާން ކުރުމަށެވެ. ޒުވާން ސްމިތް އަކާއެކު އޭނާގެ އަސްލު ސިފަވެސް މި ފިލްމުން ފެނިގެންދާނެއެވެ.

މި ފިލްމުގައި ފެނިގެންދާނީ ސްމިތްގެ ކެރެކްޓާ ހެންރީ، ކްލޯން ކުރުމަށްފަހު މި ކްލޯން ބޭނުންކޮށްގެން އަސްލު ހެންރީ މަރާލުމަށް ކުރާ މަސައްކަތެވެ. މި ކްލޯންގެ ކެރެކްޓާއަކީ ވީއެފްއެކްސް ބޭނުން ކޮށްގެން ވިލް ސްމިތް 25 އަހަރު ޒުވާން ކޮށްފައެވެ.

މީގެ ކުރިން މި އަހަރު ކުރީކޮޅު ފެނިގެންދިޔަ "ކެޕްޓަން މާވެލް"ގައި ސެމުއެލް އްލް ޖެކްސަން އަށްވެސް މި ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެއެވެ.

މި ފިލްމުގައި ވިލް ސްމިތްގެ އިތުރުން ކްލައިވް އޮވެން ފެނިގެންދާނެއެވެ. މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އެންގް ލީއެވެ. އަދި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 11 ވަނަދުވަހުއެވެ.