ޖަސްޓިސް ލީގް ސްނައިޑާ ކަޓް ރިލީޒްކުރާ ތާރީހު އިއުލާންކޮށްފި
ޒެކް ސްނައިޑާގެ "ޖަސްޓިސް ލީގް" (ޖަސްޓިސް ލީގް ސްނައިޑާ ކަޓް) ރިލީޒްކުރާ ތާރީހު އިއުލާންކޮށްފިއެވެ.
ފިލްމްގެ ޑައިރެކްޓަރު ޒެކް ސްނައިޑާ ހާމަކުރި ގޮތުގައި މި ފިލްމް ރިލީޒްކުރާނީ މިއަހަރުގެ މާޗް މަހުގެ 18 ވަނަ ދުވަހުއެވެ. ފިލްމް ރިލީޒްކުރާނީ އެޗްބީއޯ މެކްސްގައެވެ.
މީގެ ކުރިން، 2017 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޖަސްޓިސް ލީގް" ޑައިރެކްޓްކުރުމުގައި ޒެކް ބައިވެރިވިއެވެ. ނަމަވެސް އޭނާގެ ދަރިއެއް އަމިއްލައަށް މަރުވުމާއި ގުޅިގެން އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން ޒެކް ވަނީ އެ ފިލްމްގެ މަސައްކަތުން ދުރަށް ޖެހިފައެވެ. އެ ފިލްމް ފަހުން ނިންމީ އެހެން ޑައިރެކްޓަރެއް ހަމަޖައްސައިގެންނެވެ.
ޖަސްޓިސް ލީގް ސްނައިޑާ ކަޓް އުފައްދަން އުޅޭކަން، ބައެއް ފަންނާނުން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހެންރީ ކެވިލް އާއި ޖޭސަން މޮމޯއާ އަދި ރޭ ފިޝާ ހިމެނެއެވެ.