ރެސްލިން ކުޅުން ހުއްޓާ ނުލަން: ސީނާ
ރެސްލިން ކުޅުން ހުއްޓާ ނުލާ ކަމަށް، އެކްޓަރު އަދި ރެސްލާ ޖޯން ސީނާ ބުނެފިއެވެ.
ޖޯން ސީނާ ވަނީ 2018 ވަނަ އަހަރުގައި، ރެސްލިން ރިންގުން ދުރަށް ޖެހިލާފައެވެ. މިހާރުވެސް ފިލްމްތަކުގެ މަސައްކަތުގައި ހަރަކާތްތެރިވަމުން އަންނަ ސީނާ ބުނީ އެކްޓަރެއްގެ ގޮތުގައި ކާމިޔާބު ހޯދުމަކީ ރެސްލިން ކެރިއަރުގެ ނިމުން ނޫން ކަމަށެވެ.
"ޑަބްލިޔު ޑަބްލިޔު އީ އާ ދުރަށް ދިޔައީ އެއް ނޫން. ހަނދާން ކޮށްލަން ޖެހޭ ކަމަކީ ކުޅިވަރު އެންޓަޓެއިނާ އަކަށްވުމަކީ ހަމަ އެކްޓަރަކަށްވުން ފަދަ ކަމެއް. " ޖޯން ސީނާ ބުންޏެވެ.
މިވަގުތު ޑަބްލިޔު ޑަބްލިޔު އީ އާ ދުރުގައި ހުރި ނަމަވެސް ރެސްލިން ރިންގުން ފެނިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މިއަހަރަށް ހުރި ސީނާގެ ފިލްމްތަކުގެ ތެރޭގައި ފާސްޓް އެންޑް ފިއުރިއަސް ފްރެންޗައިޒްގެ ފިލްމް "ފާސްޓް އެންޑް ފިއުރިއަސް 9" ހިމެނެއެވެ. މި ފިލްމްގައި ރެސްލާ އަދި އެކްޓަރު ޑްވޭން ޖޯންސަން (ދަ ރޮކް) ވެސް ފެނިގެންދާނެއެވެ.