އަރުޖުން އާއި މަލައިކާ

އަރުޖުން އާއި މަލައިކާވެސް ކޮވިޑް ޖެހިއްޖެ

އިންޑިއާގެ އެކްޓަރު އަރުޖުން ކަޕޫރާއި އެކްޓްރެސް މަލައިކާ އަރޯރާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފިލްމް "އިޝަގްޒާދޭ" ގައި ލީޑް ރޯލް ކުޅުނު އެކްޓަރު އަރުޖުން، ސޯޝަލް މީޑިއާގައި އާދިއްތަ ދުވަހު އާންމުކުރި ބަޔާނެއްގައި ބުނީ ކޮރޯނާވައިރަސް އަށް އޭނާ ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަން އެންމެންނަށް އެންގުމަކީ އޭނާގެ ޒިންމާއެއް ކަމަށް އަރުޖުން ވަނީ ބުނެފައެވެ.

އަރުޖުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށާއި ބަލީގެ އަލާމާތްތައް ނެތް ކަމަށެވެ. ޑޮކްޓަރުންނާޢި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާއި އެއްގޮތަށް މިހާރު ގޭގައި ކަރަންޓީންވެފައިވާ ކަމަށްވެސް އަރުޖުން ވަނީ ބުނެފައެވެ. ސިއްހީ ހާލަތުގެ އަދާހަމަތައް ކުރިއަށް އޮތް ދުވަސްތަކުގައިވެސް އާންމުންނާއި ހިއްސާކުރާނެ ކަމަށް އަރުޖުން ބުންޏެވެ.

އުމުރުން 46 އަހަރުގެ އެކްޓްރެސް މަލައިކާއަށް ކޮވިޑް ޖެހިފައިވާކަން އޭނާގެ ދައްތަ، އަމްރިތާ އަރޯރާ ވަނީ ޓައިމްސް އޮފް އިންޑިއާއަށް ކަށަވަރުކޮށްދީފައެވެ.

ކޮވިޑް-19 ގެ ކޭސްތައް އެންމެ ގިނައިން މިހާރު ރިޕޯޓްކުރެވެމުންދާ އެއް ގައުމަކީ އިންޑިއާއެވެ. އެގައުމުން 4.19 މިލިއަން މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މިއީ ދެވަނައަށް އެންމެ ގިނަ ކޮވިޑް-19 ގެ ކޭސް ރިޕޯޓް ކުރެވިފައިވާ ގައުމެވެ.

އިންޑިއާގެ ބައެއް ފަންނާނުންނަށް ކޮވިޑް-19 ޖެހިފައިވެއެވެ. ކޮވިޑް-19 ޖެހި ރަނގަޅުވެފައިވާ ފަންނާނުންގެ ތެރޭގައި އަމީތާބް ބައްޗަން، އަބިޝެކް ބައްޗަން އަދި އައިޝްވާރިޔާ ރާއީ ހިމެނެއެވެ.