ފިލްމް "ގުލާބޯ ސިތާބޯ" ގައި އަމީތާބް

ޕްރޮސްތެޓިކްސް ބޭނުންކުރަން ޖެހުމަކީ މައްސަލައެއް ނޫން: އަމީތާބް

ފިލްމްގެ ކެރެކްޓާ ގެނެސްދޭން، ސިފަ ބަދަލުކުރުމަށް ޕްރޮސްތެޓިކްސް ބޭނުން ކުރަން ޖެހުނު ނަމަވެސް ޝަކުވާއެއް ނެތް ކަމަށް އަމީތާބް ބަޗަން ބުނެފިއެވެ.

އަމީތާބް މިހާރު ދަނީ، އޭނާ ވަރަށް ތަފާތު ކެރެކްޓާއެއްގެ ގޮތުގައި ފެނިގެންދާ ފިލްމް "ގުލާބޯ ސިތާބޯ" ޝޫޓްކުރަމުންނެވެ. މި ފިލްމްގައި އަމީތާބްގެ ކެރެކްޓާ ގެނެސްދިނުމަށް ސިފަ ބަދަލުކުރުމަށް ޕްރޮސްތެޓިކްސް ވަނީ ބޭނުންކޮށްފައެވެ.

ސިފަ ބަދަލުކުރުމަށް ޕްރޮސްތެޓިކްސް ބޭނުންކުރަން ޖެހުމަކީ މައްސަލައެއް ނޫން ނަމަވެސް އެއީ ވަރުބަލިކަން އިހުސާސް ކުރަން ޖެހޭ ކަމެއް ކަމަށް އަމީތާބް ވަނީ ބުނެފައެވެ.

އަމީތާބް ބުނީ ހުޅަނގުގެ ގައުމުތަކުގައި އުފައްދާ ފިލްމްތަކުގައިވެސް ޕްރޮސްތެޓިކްސް ބޭނުންކުރާ ކަމަށެވެ. އެ ގައުމުތަކުގައި ޕްރޮސްތެޓިކްސް ބޭނުން ކުރުމަށް އުސޫލުތައް ހެދިފައިވާކަން ފާހަގަކޮށް އަމީތާބް ބުނީ އެގައުމުތަކުގައި ތިން ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ޕްރޮސްތެޓިކްސް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ.

އަމީތާބް އެންމެ ތަފާތު ރޯލަކުން ފެނިގެންދިޔަ ފިލްމަކީ 2009 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ޕާ" އެވެ. އެ ފިލްމްގައި އަމީތާބްގެ ކެރެކްޓާ ދައްކުވައިދިނުމަށް އަމީތާބުގެ ސިފަ ބަދަލުކުރުމަށް ޕްރޮސްތެޓިކްސް ބޭނުންކޮށްފައިވެއެވެ. އަމީތާބް ބުނި ގޮތުގައި ފިލްމް "ޕާ" ގެ ޝޫޓިންގްގައި މަސް ދުވަސް ވަންދެން، އެއްވެސް މެދުކެނޑުމެއް ނެތި ޕްރޮސްތެޓިކްސް ބޭނުންކުރަން ޖެހުނެވެ. ނަމަވެސް އެކަމާވެސް ޝަކުވާއެއް ނެތް ކަމަށް އަމީތާބް ބުންޏެވެ.

ފިލްމް "ގުލާބޯ ސިތާބޯ" ގައި އަމީތާބްގެ އިތުރުން ސޫޖިތު ސިރްކާރާއި އަޔޫޝްމަން ކުރާނާވެސް ފެނިގެންދާނެއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އެޕްރީލް މަހުގެ 24 ވަނަ ދުވަހުއެވެ.

ބޮލީވުޑާއި ހޮލީވުޑްގެ ފިލްމްތަކުގައި، ޕްރޮސްތެޓިކްސް ބޭނުންކޮށްގެން ބައެއް ތަރިންގެ ހަގީގީ ސިފަ ނޭނގޭ ވަރަށް ވަނީ ބަދަލުކޮށްފައެވެ. އެ ގޮތުން ފިލްމް "2.0" ގައި އަކްޝޭ ކުމާރްގެ ކެރެކްޓާ ފާހަގަކޮށްލެވެއެވެ.