ދީޕިކާ ޕަދުކޯން

"ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް އިން ދީޕިކާ ނުފެންނާނެ!

މީގެ 37 އަހަރު ކުރިން، 1982 ވަނަ އަހަރު ރިލީޒްކުރި ފިލްމް "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ފިލްމެއް އުފައްދަން އުޅޭ ކަމުގެ އަޑުތައް ފެތުރެމުންދާތާ ދުވަސްކޮޅެއްވެއްޖެއެވެ.

އެ ފިލްމްގެ ލީޑްރޯލުން ފެނިގެންދިޔައީ އަމީތާބް ބައްޗަން އާއި ހެމާ މާލިނީއެވެ. ރިމޭކް ފިލްމަށް ނަގާނެ ތަރިންނާ ބެހޭ ގޮތުން އެކިފަހަރު އެކި ގޮތަށް ވަނީ އަޑު ފެތުރިގެން ގޮސްފައެވެ. އެގޮތުން ކުޅަދާނަ ބަތަލާ ދީޕިކާ ޕަދުކޯން، ރިމޭކް ފިލްމުން ފެނިގެންދާނެ ކަމަށް އަޑު ފެތުރުނެވެ.

އިންޑިއާގެ ފިލްމް ޑައިރެކްޓަރު ލަވް ރަންޖަންގެ އޮފީހުން، އިންޑިއާގެ އީޓައިމްސްއަށް ވާހަކަ ދެއްކި މީހަކު ބުނީ "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ފިލްމަށް ދީޕިކާ ނަގާނެ ކަމަށް ބުނާ ވާހަކަތައް ފެށިގެން އައީ ކިހިނެތްކަން ނޭނގޭ ކަމަށެވެ. އެވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް އޮފިޝަލާއި ހަވާލާދީ އެ ނޫހުން ރިޕޯޓްކޮށްފައިވެއެވެ.

ދީޕިކާ ޕަދުކޯންގެ ކުރިއަށް އޮތް ފިލްމަކީ "ޗަޕާކް" އެވެ. މި ފިލްމަކީ، އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވި ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ފިލްމްގައި ދީޕިކާ ފެނިގެންދާނީ އެސިޑް ހަމަލާގެ ޝިކާރައަކަށްވެފައިވާ މީހެއްގެ ރޯލުންނެވެ.

ފިލްމް "ޗަޕާކް" ގެ ޓްރެއިލާ ދައްކާލާފައިވާއިރު، ބެލުންތެރިންގެ ފަރާތުން ވަނީ ދީޕިކާއަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.