ޓޮމް ހޭންކްސް

އެލްވިސްގެ ބައޮޕިކް ޝޫޓިން އަލުން ފަށަން ޓޮމް ތައްޔާރުވެއްޖެ

އެލްވިސް ޕްރިސްލީގެ ބައޮޕިކްގެ ޝޫޓިން އަލުން ފެށުމަށް އެކްޓަރު ޓޮމް ހޭންކްސް ތައްޔާރުވެއްޖެއެވެ.

ފިލްމްގެ ޝޫޓިން އަލުން މި ފަށަނީ، ޓޮމް ހޭންކްސް ކޮވިޑް-19 އަށް ޕޮޒިޓިވްވިތާ ހަ މަސް ދުވަސް ފަހުންނެވެ. އޭނާ މިހާރު ވަނީ ކޮވިޑް-19 އިން ފަސޭހަވެފައެވެ. މި ފިލްމްގެ ޝޫޓިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑްގައެވެ. ރިޕޯޓްތައް ބުނާ ގޮތުން ފިލްމްގެ ކާސްޓުންނާއި ކްރޫން މިހާރު ވަނީ އޮސްޓްރޭލިއާއަށް ގޮސްފައެވެ.

މި ފިލްމްގެ ޑައިރެކްޓަރު، ބަޒް ލާމަން ވަނީ ކުއީންސްލޭންޑް ސަރުކާރާއި ސިއްހި ދާއިރާއަށް ޝުކުރު އަދާކޮށްފައެވެ. ބަޒް ލާމަން ބުނި ގޮތުގައި ޓޮމް ހޭންކްސް މި ވަގުތު ހުރީ ދެ ހަފުތާގެ ކަރަންޓީންގައެވެ.

އެލްވިސް ޕްރިސްލީގެ ބައޮޕިކްގެ ޝޫޓިންއަށް، ޓޮމް ހޭންކްސް އާއި އޭނާގެ އަންހެނުން ރީޓާ ވިލްސޮން އޮސްޓްރޭލިއާގައި އުޅެނިކޮށް އެ ދެމަފިރިން ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ މި އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. ބަލިން ރަނގަޅުވުމުން އެ ދެމަފިރިން ވަނީ ހަމަ އެ މަހު އެމެރިކާއަށް ގޮސްފައެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ކުރެވޭ ދިރާސާތަކަށް އެހީވުމުގެ ގޮތުން އެ ދެމަފިރިން ވަނީ ބްލަޑް ޕްލަސްމާ ހަދިޔާކޮށްފައެވެ.