އާލިއާ ބަޓް އާއި މަހޭޝް ބަޓް

ބައްޕައާއެކު މަސައްކަތް ކުރުން ފަސޭހައެއް ނުވާނެ: އާލިއާ

އިންޑިއާގެ ފިލްމް ޑައިރެކްޓަރު މަހޭޝް ބަޓްއާއެކު މަސައްކަތް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އޭނާގެ ދަރިފުޅު އާލިއާ ބަޓް ބުނެފިއެވެ.

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު މަހޭޝް ވަނީ ފިލްމެއް ޑައިރެކްޓް ކުރުމުގެ މަސައްކަތް ފަށާފައެވެ. އޭނާ މިފަހަރު ޑައިރެކްޓް ކުރާނީ މީގެ 28 އަހަރު ކުރިން ރިލީޒްކުރި "ސަދަކް" ގެ ސީކުއެލް "ސަދަކް 2" އެކެވެ. މި ފިލްމުން އާލިއާ ބަޓްވެސް ފެނިގެންދާނެއެވެ.

"ޑައިރެކްޓަރެއްގެ ހައިސިއްޔަތުން އަހަރެންނަށް އޭނާ (މަހޭޝް ބަޓް) ނޭނގޭ. އަހަރެންނަށް އޭނާ އެނގެނީ ހަމަ ބައްޕަގެ ގޮތުގައި" އާލިއާ ބަޓް ބުންޏެވެ.

މީގެ 28 އަހަރު ކުރިން ނެރުނު ސަދަކް ގެ ފުރަތަމަ ފިލްމުން އާލިއާގެ އެއްބަފާ ދައްތަ ޕޫޖާ ބަޓް ފެނިގެން ގޮސްފައިވެއެވެ. އޭގެ އިތުރުން ސަންޖޭ ދަތުވެސް ފެނިގެން ގޮސްފައިވެއެވެ. "ސަދަކް 2" އިންވެސް ޕޫޖާ ބަޓް އާއި ސަންޖޭ ފެނިގެންދާނެއެވެ.